Ads by Farudhun

ޚަބަރު

ރާއްޖެ އާއި ޗައިނާގެ ޕީޖީން މަޝްވަރާ ކުރައްވައިފި

ރާއްޖެ އާއި ޗައިނާގެ ޕީޖީން މަޝްވަރާ ކުރައްވައިފި

މި ބައްދަލުކުރެއްވުމުގެ ތެރެއިން. ފޮޓޯ: ޕީޖީ އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ސެޕްޓެމްބަރު 2026، 09:10

15 ސެޕްޓެމްބަރު 2026، 09:10

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޢައްބާސް ޝަރީފް، ޗައިނާގެ ޕްރޮސިކިއުޓަރ ޖެނެރަލް މިސްޓަރ ޔިންގް ޔޮންގްއާ އެކު އިއްޔެ ރަސްމީ މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ބެއިޖިންގްގައި ހުންނަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓްރޭޓް (އެސް.ޕީ.ޕީ) ގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ދެ ޤައުމުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންނާއި، ދެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި، ޕްރޮސިކިއުޝަންގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށާއި، އެސް.ޕީ.ޕީ އާއި ޕީޖީ އޮފީހާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ދެ އޮފީހުގެ ދެމެދުގައި އެއްބާރުލުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ދެ ޤައުމުގެ ޕްރޮސިކިއުޓަރ ޖެނެރަލުން މަޝްވަރާކުރެއްވި ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ޕްރޮސިކިއުޓަރ ޖެނެރަލުން ވަނީ 'އެގްރީމަންޓް އޮން ކޯޕަރޭޝަން ބިޓްވީން ދަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓްރޭޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ޕްރޮސިކިއުޓަރ ޖެނެރަލްސް އޮފީސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް' ގައި ސޮއިކުރައްވާފައެވެ.

މިއީ 2017 ވަނަ އަހަރުގެ މެއި މަހު ދެ އޮފީހުގެ ދެމެދުގައި ސޮއިކުރެވުނު އެއްބާރުލުމުގެ އެއްބަސްވުން އައުކޮށް، އޭގެ ބަދަލުގައި ޢަމަލުކުރަން ފެށުނު އެއްބަސްވުމެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. 

އެއްބަސްވުމުގެ ދަށުން ޕްރޮސިކިއުޓަރުންގެ ޕްރޮފެޝަނަލް ދިރާސާތަކަށާއި ތަމްރީނުތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ އޮނިގަނޑެއް އެކުލަވައިލެވިފައިވުމުގެ އިތުރުން، ދެ އޮފީހުން އެއްބަސްވާ އެހެނިހެން ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބަދަލުކުރެވޭ ސިއްރު މަޢުލޫމާތުތައް ރައްކާތެރިކުރުމުގެ މާއްދާތައް ވެސް ހިމެނޭކަން އެ އޮފީހުން ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމަކީ އެސް.ޕީ.ޕީ އާއި ޕީޖީ އޮފީހާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޢަމަލީ ގޮތުން ދެވޭ އެއްބާރުލުމާއި، ޕްރޮފެޝަނަލް ތަރައްޤީއާއި، ޢިލްމާއި ތަޖުރިބާ ބަދަލުކުރުމުގެ ދާއިރާއިން ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއްކަން ޕީޖީ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.



ޕީޖީ ޢައްބާސް ޝަރީފް ޗައިނާގެ އެސް.ޕީ.ޕީގެ ދަޢުވަތަކަށް އެ ޤައުމުގެ ބެއިޖިންގއަށް ވަޑައިގެންނެވީ 13 ސެޕްޓެމްބަރު 2026 ގައެވެ. ޕިޖީގެ މި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާނީ 18 ސެޕްޓެމްބަރު 2026 ގައި ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450