ޚަބަރު
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސް ދުވަހެެއްގައި ކަނޑުމަތީގައި އުޅަނދެއް ދުއްވާފައި ދަނީ. ފޮޓޯ: ސަން
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދު އިރުއޮއްސި 18:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
Alert White for heavy rain, thunderstorms, and gusts of 35 mph. pic.twitter.com/KBqAPAHr4m
— Maldives Meteorology (@MetMaldives) September 16, 2026
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މި ވިއްސާރައިގެ އަސަރު މާދަމާއިން ފެށިގެން ކުޑަވެ، މޫސުން އަލިވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.