ޚަބަރު
ސިންގަޕޫރާއި ކޮރެއާގެ މިނިވަންކަމަކަށް ފޮރިން އިންވެސްޓްމެންޓުތަކުން އަސަރެއް ނުކުރޭ: ރައީސް ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު---
ސިންގަޕޫރާއި ސައުތު ކޮރެއާ ފަދަ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޭރުގެ ސީދާ އިންވެސްޓްމެންޓުތަކުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ ކަމަށް، އިދިކޮޅު މައި ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި އެ މަނިކުފާނުގެ މި ވާހަކަފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލޭގައި ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ހިންގުމަށް ތައްޔާރުވަމުންދާ ބިޔަ މަޝްރޫޢުގެ މުހިންމުކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓެކެވެ. ރަސްމާލޭގެ މި މަޝްރޫޢާ ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ލީޑަރޝިޕްގެ މެދުގައި މިހާރު ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވެސް އުފެދިފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ، މާޒީގައި އިސްތިއުމާރީ ވެރިކަން ދެކެފައިވާ ޤައުމުތަކުގެ ތެރެއިން ތަރައްޤީ ކަށަވަރު ކުރެވިފައިވަނީ ބޭރުގެ ސީދާ އިންވެސްޓްމެންޓުތަކަށް މަރުޚަބާ ކީ ޤައުމުތަކަށް ކަމަށެވެ. އަދި އެފަދަ އިންވެސްޓްމެންޓަކީ ހަމައެކަނި ޤައުމުގައި ހުރި ރޯ މެޓީރިއަލް ނެގުން އެކަނި ކަމުގައި ވެގެން ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެތަކެތި ޕްރޮސެސްކޮށް، އުފެއްދުންތެރިކަމަށް މަގުފަހިވާން ލާޒިމުވާނެ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
Isthiumaaree alhuvethikan dhuh gaumuthakuge therein tharaqqee kashavaru kurevunee foreign direct investment ah marhaba kee gaumuthakah. E investment akee raw material negun ekani kamah vegenneh nufudhey. E process koh, ufehdhuntheri kamah magufahi vun laazim. Singapore nuvatha South Korea ge minivan kamah nuvatha istiqlaalah foreign direct investment akun asareh nukurey. Eyge badhalugai e gaumuthakuge iqthisoadhu varugadhave, e baarugai isthiqlaal himaayaiy kurumuge fanvaru libi, bainal aqvaamee dhandugai jaaga kashavaruvi.
— Mohamed Nasheed (@MohamedNasheed) November 15, 2026
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ސިންގަޕޫރު ނުވަތަ ސައުތު ކޮރެއާގެ މިނިވަންކަމަށް ނުވަތަ އިސްތިޤުލާލަށް ފޮރިން ޑިރެކްޓް އިންވެސްޓްމެންޓުތަކުގެ ސަބަބުން އެއްވެސް ލޮޅުމެއް އަރާފައި ނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ އިންވެސްޓްމެންޓުތަކުގެ ސަބަބުން އެ ޤައުމުތަކުގެ އިޤުތިޞާދު އިތުރަށް ވަރުގަދަވެގެން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ ބަދަލުގައި އެ ޤައުމުތަކުގެ އިޤުތިޞާދު ވަރުގަދަވެ، އެ ބާރުގައި އިސްތިޤްލާލް ހިމާޔަތް ކުރުމުގެ ފަންވަރު ލިބި، ބައިނަލްއަޤުވާމީ ދަނޑުގައި ޖާގަ ކަށަވަރުވި.
ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބޭރުގެ އިންވެސްޓަރުން ހޯދުމުގެ މުހިންމުކަން ރައީސް ނަޝީދު މިގޮތަށް ފާހަގަކުރައްވާފައި މިވަނީ، ރަސްމާލެ މަޝްރޫޢާ މެދު ސިޔާސީ މައިދާނުގައި ހޫނު ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
މާލޭ ބޭބެ
15/11/2026 19:20
އާން،ނުކުރާނެންނުން އެއީ 500 ޕަސެންޓް މުސްލިމް ގައުމުވީޔަ. ތިވެސް މިހާރު ބުރާންތިވެފަ ހުރިގޮލައެއް