Ads by Ministry of Arts, Culture and Heritage

ޚަބަރު

ލ. އަތޮޅުގެ ރިސޯޓެއް ބީއެމްއެލް އިން ވިއްކާލަން އިއުލާނުކޮށްފި

ލ. އަތޮޅުގެ ރިސޯޓެއް ބީއެމްއެލް އިން ވިއްކާލަން އިއުލާނުކޮށްފި

ވިއްކާލުމަށް އިއުލާނުކޮށްފައިވާ ރަހާ ރިސޯޓް/ ފޮޓޯ: ރަހާ ރިސޯޓް

farudhun logo

ފަރުދުން

15 ނޮވެމްބަރު 2026، 06:16

15 ނޮވެމްބަރު 2026، 06:16

ލ. އަތޮޅުގެ ފަރެސް އަދި ކުޑަފަރެސްގައި ހިންގަމުން އަންނަ ރަހާ ރިސޯޓް ވިއްކާލުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނުކޮށްފިއެވެ.

 މި ރިސޯޓަކީ މި ރިސޯޓަކީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ރިސޯޓެކެވެ. މިއީ ލ. އަތޮޅު ފަރެސް އަދި ކުޑަފަރެސް ހިމެނޭ ގޮތަށް މިހާރުވެސް ހިންގަމުން އަންނަ 100 ކޮޓަރީގެ ޓޫރިސްޓް ރިސޯޓެކެވެ.

ސިވިލް ކޯޓުން 2 ނޮވެންބަރު 2026 ގައި ނެރުނު އަމުރުގައި ނުދައްކާ ހުރި ދަރަނި އަނބުރާ ހޯދުމަށްޓަކައި ރަހުނުކޮށްފައިވާ މުދާ ވިއްކާލުމުގެ ހުއްދަ ދީފައިވެއެވެ. 

ބީއެމްއެލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ރިސޯޓް ވިއްކާލަނީ އެ ރިސޯޓް އޮތް ހާލަތުގައި ކަމަށާއި އެ ރިސޯޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ބަލަންޖެހޭ ކަންކަން އަމިއްލައަށް ބަލައި ޔަގީންކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ރިސޯޓުގެ ހާލަތާ ގުޅޭގޮތުންނާއި ވަކި ބޭނުމަކަށް އެކަށީގެންވާ ކަމާމެދު ބޭންކުން އެއްވެސް ޔަގީންކަމެއް ނުވަތަ ވޮރަންޓީއެއް ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ރިސޯޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސިޓީއުރައެއްގައި ބަންދުކޮށް މާލޭގެ އޯކިޑްމާގެ ބިލްޑިންގައި ހުންނަ ބީއެމްއެލްގެ ކްރެޑިޓް ޑިޕާޓްމަންޓަށް ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި ޕްރޮޕޯސަލްތަކާއެކު ހުށަހަޅަން ޖެހޭ ތަކެއްޗަކީ:

  • ބީލަން ހުށަހަޅާ ފަރާތް އެނގޭނެ ލިޔުމަކާއި އެޑްރެސް
  • ގަތުމަށް ހުށަހަޅާ އަގު އެމެރިކާ ޑޮލަރުން
  • ފައިސާ ދެއްކުމަށް ހުށަހަޅާ ގޮތް 

ކުންފުންޏަކުން ޕްރޮޕޯސަލްތައް ހުށަހަޅާނަމަ ކުންފުނީގެ ފަރާތުން ބީލަން ހުށަހެޅުމުގެ ހުއްދަ އޮތްކަމުގެ ލިޔުން ހުށަހަޅަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ބީއެމްއެލްއިން ބުނެފައިވަނީ މި ރިސޯޓް ގަތުމަށް ޕްރޮޕޯސަލް ކާމިޔާބުވާ ފަރާތުން، ނަތީޖާ އަންގާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އަނބުރާ ނުލިބޭ ގޮތަށް 100،000 އެމެރިކާ ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެ ކަމަށެވެ. އަދި ނަތީޖާ އަންގާތާ 3 މަސްދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފިނަމަ މި ޑިޕޮސިޓް ފައިސާ އަގުގެ ތެރެއިން އުނިކުރެވޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ، ޑިޕޮސިޓް ފައިސާ ދައުލަތަށް ނެގޭނެ ކަމަށް ވެސް  ބުނެފައިވެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވިއްކުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެ ހާލެއްގައި އެންމެ މަތީ އަގު ފަރާތުގެ ބީލަން ބާތިލުކުރުމުގެ އިހްތިޔާރުވެސް ބީއެމްއެލްއަށް ލިބިގެންވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެ ހާލަތުގައި ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ފުރުސަތު ދިނުމުގެ، ނުވަތަ ވިއްކުމުގެ މަރުހަލާ ބާތިލުކޮށް އަލުން ފެށުމުގެ އިހުތިޔާރު ބޭންކަށް އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނެފައިވަނީ އިތުރު މައުލޫމާތާއި ސާފުކުރަން ބޭނުންވާ ކަންކަން [email protected] އަށް ހުށަހެޅޭނެ ކަމަށާއި މިފަދަ ސުވާލުތަކުގެ ޖަވާބު ބޭންކުގެ ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށް ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި