ދުނިޔެ
ޣައްޒާގައި ޢިމާރާތެއް ވެއްޓި 16 މީހުން ޝަހީދުވެ، އެތައް ބަޔަކު ދަގަނޑުތަކުގެ ދަށުގައި ތާށިވެއްޖެ
ޣަައްޒާގައި ވެއްޓުނު އިމާރާތް.
ޣައްޒާ ސިޓީގައި ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައިވާ މީހުން ދިރިއުޅޭ ޢިމާރާތެއް ވެއްޓި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މަދުވެގެން 16 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކު ކުނިބުނީގެ ދަށުގައި ތާށިވެއްޖެއެވެ.
ފަލަސްޠީނުގެ ސިވިލް ޑިފެންސުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި ހަތް ބުރީގެ މި ޢިމާރާތް ވެއްޓުމުގެ ސަބަބުން ފަސް ކުޑަކުދިން ހިމެނޭހެން 16 މީހުން މަރުވެ، އިތުރު 14 މީހުން ވަނީ ޒަޚަމްވެފައެވެ. އަލްޖަޒީރާއިން ކަށަވަރުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސަލާމަތްކުރާ ޓީމުތަކާއި ޢާންމު ރައްޔިތުން ގުޅިގެން އަތުން ކޮނެގެން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި ވެއްޓިފައިވާ އިމާރާތުގެ ދަށުން ކުޑަކުދިން އެހީއަށް އެދި ރޯ އަޑު އިވެމުންދިޔަ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަޞަލް އަލްޖަޒީރާއަށް ވިދާޅުވީ، "ސިވިލް ޑިފެންސް ޓީމުތަކުން އަދިވެސް ދަނީ ޝަހީދުވި މީހުން ނެގުމަށާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން. މިހާތަނަށް ގާތްގަނޑަކަށް 100 އެއްހާ މީހުން މި ޢިމާރާތުގެ ދަށުގައި ތާށިވެފައި އެބަތިބި،" ކަމަށެވެ. އަދި ސަލާމަތްކުރުމަށް ބޭނުންވާ އެކަށީގެންވާ ސާމާނު ނެތުމުގެ ސަބަބުން މީހުންނާ ހަމައަށް ވާސިލުވުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ޢިމާރާތަކީ މީގެ ކުރިން އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ރެނދުލައި، ޢިމާރާތުގެ ބާރު ދެރަވެފައިވާ ތަނެކެވެ. އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުގައި އެތައް ހާސް ޢިމާރާތަކަށް ގެއްލުންދީފައިވާއިރު، މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުން އިސްރާއީލުން ވަނީ ހިފަހައްޓާފައެވެ. ހިޔާވަހިކަން ލިބޭނެ މަރުކަޒުތަކާއި އެކަށީގެންވާ ފޭލިގެތައް ނެތުމުގެ ސަބަބުން، ގިނަ ފަލަސްޠީނު ރައްޔިތުންނަށް މަޖުބޫރުވެފައިވަނީ ފުރާނައަށް ނުރައްކާވާ ފަދަ ޢިމާރާތްތަކުގައި ދިރިއުޅޭށެވެ.
ޣައްޒާ ސިޓީގެ މޭޔަރު ޔަޙްޔާ އަލް-ސައްރާޖް ވިދާޅުވީ، "މިއީ ޢިމާރާތެއް ވެއްޓުނު ފުރަތަމަ ފަހަރެއް ނޫން، އަދި މިއީ ފަހު ފަހަރަށް ނުވެދާނެތީ އަޅުގަނޑުމެން ކަންބޮޑުވޭ،" ކަމަށެވެ. އަދި މުނިސިޕަލްޓީއާއި ސިވިލް ޑިފެންސްގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، ވަސީލަތްތައް ނެތް ނަމަވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ މި ހާދިސާގެ ފުރިހަމަ ޒިންމާ އިސްރާއީލާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން އުފުލަންޖެހޭނެ ކަމަށް ބުނެފައެވެ. އަދި މި ޢިމާރާތް ވެއްޓެން މެދުވެރިވީ ހަނގުރާމައިގެ ތެރޭގައި ސީދާ އެ ޢިމާރާތަށް އަމާޒުކޮށް ހަމަލާދީ، ޢިމާރާތުގެ ބިންގާ ބަލިކަށިކޮށްލުމުގެ ސަބަބުން ކަމަށްވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.