ދުނިޔެ

ޢަރަބި ކަނޑުގައި ހިނގި ހާދިސާއަކާ ގުޅިގެން އިންޑިއާއިން ޕާކިސްތާނުގެ ޑިޕްލޮމެޓް ހާޒިރުކޮށްފި

ޢަރަބި ކަނޑުގައި ހިނގި ހާދިސާއަކާ ގުޅިގެން އިންޑިއާއިން ޕާކިސްތާނުގެ ޑިޕްލޮމެޓް ހާޒިރުކޮށްފި

އިންޑިއާ ޕާކިސްތާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2026، 05:41

16 ސެޕްޓެމްބަރު 2026، 05:41

ޢަރަބި ކަނޑުގެ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ދެ ޤައުމުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް ޖެހި ހިނގި ހާދިސާއަކާ ގުޅިގެން އިޙްތިޖާޖު ކުރުމުގެ ގޮތުން، ނިއުދިއްލީގައި ހުންނަވާ ޕާކިސްތާނުގެ އެންމެ އިސް ޑިޕްލޮމެޓް، އިންޑިއާގެ ޚާރިޖިއްޔާއަށް ހާޒިރުކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހު ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައެވެ. މި ހާދިސާގައި ޕާކިސްތާނުގެ ނޭވީ އުޅަނދެއް އިންޑިއާގެ ހަނގުރާމަމަތީ މަނަވަރެއްގައި ޖެހިފައިވާ ކަމަށާއި، މިކަމާ ގުޅިގެން ނިއުދިއްލީގައި ހުންނަ ޕާކިސްތާން ހައިކޮމިޝަންގެ ޗާޖް ޑި އެފެއާޒް ހާޒިރުކޮށް ރަސްމީކޮށް އިޙްތިޖާޖު ރައްދުކޮށްފައިވާ ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާއިން ވަނީ ޕާކިސްތާނުގެ ކަނޑުގެ ސިފައިން ހިންގީ "ބަލައިނުގަނެވޭ އަދި ޕްރޮފެޝަނަލް މިންގަނޑުތަކާ ޚިލާފު" ޢަމަލެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ދެ ޤައުމުގެ އަސްކަރީ އުޅަނދުތަކާއި ސަބްމެރިންތައް މަދުވެގެން ތިން ނޯޓިކަލް މޭލު ދުރުގައި ބޭތިއްބުމަށް 1991 ވަނަ އަހަރު ވެފައިވާ ދެފަރާތުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް އިންޑިއާއިން ފާހަގަކުރެއެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ބުނި ގޮތުގައި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަށް ޢަސްކަރިއްޔާއިން އިޙްތިރާމް ކުރުމުގެ މުހިންމުކަން އޭނާގެ ސަރުކާރަށް އެންގުމަށް ޕާކިސްތާނުގެ ޗާޖް ޑި އެފެއާޒް އަރިހުން ވަނީ އެދިފައެވެ. މީގެއިތުރުން އިސްލާމްއާބާދުގައި ހުންނަވާ އިންޑިއާގެ ޗާޖް ޑި އެފެއާޒަށްވެސް ވަނީ ޕާކިސްތާނުގެ ޚާރިޖިއްޔާއަށް މިފަދަ އިޙްތިޖާޖެއް ހުށަހެޅުމަށް އަންގާފައެވެ. ނަމަވެސް މިކަމާ ގުޅިގެން ޕާކިސްތާނު ސަރުކާރުން އަދި ވަގުތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މި ހާދިސާއަކީ ވޭތުވެދިޔަ އަހަރު ދެ ޤައުމުގެ ދެމެދުގައި ހިނގި ހަތަރު ދުވަހުގެ ސީދާ އަސްކަރީ ކުރިމަތިލުމަށްފަހު، ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ މި ދެ އަވަށްޓެރި ޤައުމުގެ މެދުގައި އަސްކަރީ ނުތަނަވަސްކަމެއް އުފެދުނު ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ޚާއްޞަ ދަރަޖަ ނިއުދިއްލީން އުވާލުމާ ގުޅިގެން، 2019 ވަނަ އަހަރުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި ސަފީރުންގެ ފެންވަރުގައި ޑިޕްލޮމެޓިކް ގުޅުމެއް ނޯވެއެވެ. 1947 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނު ފަހުން އިންޑިއާއާއި ޕާކިސްތާނުން ވަނީ ބޮޑު ތިން ހަނގުރާމައެއް ކޮށްފައެވެ. މީގެ ތެރެއިން ދެ ހަނގުރާމައަކީ ކަޝްމީރުގެ މައްސަލައިގައި ކުރި ހަނގުރާމަތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450