ދުނިޔެ
އިސްރާއީލާއި މޮރޮކޯގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކޮށް، އެމްބަސީތައް ހުޅުވަން އެއްބަސްވެއްޖެ
އިސްރާއިލް ސަރުކާރުގެ އިސްވެރިންނާއި މޮރޮކޯގެ ބައެއް އިސްވެރިން.
އިސްރާއީލާއި މޮރޮކޯއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމުގައި ޤާއިމުކޮށްފައިވާ މިޝަންތައް އެމްބަސީތަކަށް ބަދަލުކުރުމަށާއި ސަފީރުން ކަނޑައެޅުމަށް އެ ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމަށް އާދެވިފައިވަނީ އދ. އަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްޒް މެދުވެރިވެވަޑައިގެން ނިއުޔޯކުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިދިއޯން ސާރ އަދި މޮރޮކޯގެ ޚާރިޖީ ވަޒީރު ނާސިރު ބޫރީތާއެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމަށާއި، އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމާއި ޑަބަލް ޓެކްސް ދެއްކުން ހުއްޓުވުމާ ގުޅޭ ދެ އެއްބަސްވުމެއް މިއަހަރު ނިމުމުގެ ކުރިން ނިންމުމަށްވެސް ވަނީ އެއްބަސްވެފައެވެ.
އދ. ގައި ހުންނަ އެމެރިކާގެ މިޝަނުން ތިން ޤައުމުގެ ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، "މޮރޮކޯ އާއި އިސްރާއީލާ ދެމެދު ފުރިހަމަ ޚާރިޖީ، ސުލްޙަވެރި އަދި އެކުވެރި ގުޅުމެއް ޤާއިމުކުރުމަކީ ދެ ޤައުމުގެ ޢާންމު މަޞްލަޙަތު އެކުލެވިގެންވާ އަދި ސުލްޙަ ކުރިއެރުވުމަށް މަގުފަހިވާނެ ކަމެއް" ކަމަށެވެ.
މީގެ އިތުރުން ދެ ޤައުމުގެ އެއާލައިންތަކުން ސީދާ ދަތުރުތައް އަލުން ފެށުމާއެކު ވައިގެ ދަތުރުފަތުރު ފުޅާކުރުމަށާއި، ކުރިއަށް އޮތް މަސްތަކުގައި މަތީ ފެންވަރުގެ ދެފަރާތުގެ ޒިޔާރަތްތައް ބޭއްވުމުގެ ރޭވުންތައްވެސް ވަނީ ކަށަވަރުކޮށްފައެވެ.
މި ނިންމުން އިޢުލާނުކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އިސްނަންގަވައިގެން ފެއްޓެވި އަބްރަހަމް އެކޯޑްސް އަށް ހަ އަހަރު ފުރުނުތާ އެއް ދުވަސް ފަހުންނެވެ. ޢަރަބި އަދި މުސްލިމް އަޣްލަބިއްޔަތު އޮންނަ ޤައުމުތަކާއި އިސްރާއީލާ ދެމެދު ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން ހެދި މި އެއްބަސްވުމުގައި ޔުނައިޓެޑް ޢަރަބި އެމިރޭޓްސް، ބަޙްރައިން، މޮރޮކޯ، ސޫދާން އަދި ކަޒަކިސްތާނުން ވަނީ ބައިވެރިވެފައެވެ.