ދުނިޔެ

ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްލައްކައަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހިޖުރަކޮށްފި: އދ

ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްލައްކައަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހިޖުރަކޮށްފި: އދ

ޙާލުގައި ޖެހިފައިވާ ޔަމަނުގެ ރައްޔިތުން ތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2026، 11:37

17 ސެޕްޓެމްބަރު 2026، 11:37

ޔަމަނުގައި ހޫޘީ ހަނގުރާމަވެރިންނާއި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރަށް ވަފާތެރި ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، 100،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ.

އދ. ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ ހުޅަނގު އައްސޭރީގައި ހަމަނުޖެހުންތައް ވަރުގަދަވުމާ ގުޅިގެން އެ ޤައުމުގެ އެތެރޭގައި އެއްލައްކައަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށެވެ. އަދި ރައްކާތެރިކަން ހޯދުމަށްޓަކައި ބާބުލް މަންދަބް ކަނޑުއޮޅި ހުރަސްކޮށް ޖިބޫޓީއަށް ދިއުމަށް ނުރައްކާތެރި ދަތުރުތައް އެތައް ހާސް ބަޔަކު ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން މި ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ޔޫއެންއެޗްސީއާރުން ބުނެފައިވާ ގޮތުގައި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ވަގުތުން 14 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންވެއެވެ. "ގިނަ އާއިލާތަކުން ފިލާފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަދު އެއްޗެއްސާއެކު. ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ސިއްޙީ ފަރުވާ އަދި ރައްކާތެރިކަމަކީ މިވަގުތަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން،" ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ. އަދި ޔަމަނުގައި ރަޖިސްޓްރީވެފައިވާ 65،000 އަށް ވުރެ ގިނަ ރެފިއުޖީންނަށްވެސް މި ހަނގުރާމައިގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

މި ހިޖުރަކުރުންތައް ފެށިފައިވަނީ އީރާނާ ގުޅުން އޮންނަ ހޫޘީން ބާބުލް މަންދަބްގެ ކޮންޓްރޯލް ހޯދުމަށް ރަތް ކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަޙައްދެއް ހިފުމާ ގުޅިގެންނެވެ. ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އެކަނިވެސް 2،400 އަށް ވުރެ ގިނަ މީހުން ކަނޑުމަގުން ޖިބޫޓީއަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450