ދުނިޔެ
އދ. ގެ އާންމު މަޖިލީހާ ދިމާކޮށް ފަލަސްތީނުގެ އޮފިޝަލުންނަށް އެމެރިކާއަށް ދަތުރުކުރުމަށް ހުރަސްއަޅަނީ
ފަލަސްޠީނުގެ ރައީސް މަޙްމޫދް އައްބާސް
އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ނިއުޔޯކަށް ދަތުރުކުރެއްވުމަށް ހުރަސްއަޅައި، ފަލަސްތީން އޮތޯރިޓީ (ޕީއޭ) އާއި ޕަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އޮފިޝަލުންނަށް ވިސާ ދިނުން މަނާކުރުމުގެ ފިޔަވަޅު އެމެރިކާއިން އަނެއްކާވެސް އިތުރުކޮށްފިއެވެ. މިއީ ވިދިވިދިގެން ދެވަނަ އަހަރަށް އައްބާސް އދ. އަށް ވަޑައިގަތުމަށް އެމެރިކާއިން ހުރަސްއެޅި ފަހަރެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އެމެރިކާއަށް ވެފައިވާ ވައުދުތަކާ ހިލާފަށް އިސްލާހީ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވުމާއި، ސުލްހައިގެ ފުރުސަތުތައް ހަނިވާފަދަ ކަންކަން ކުރަމުންދާތީ، ޕީއެލްއޯގެ މެންބަރުންނާއި ޕީއޭގެ އޮފިޝަލުންނަށް ވިސާ ނުދިނުމުގެ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓަން އެމެރިކާއިން ވަނީ ނިންމާފައި" ކަމަށެވެ. މީގެއިތުރުން، ސީދާ މަޝްވަރާތަކުން ބޭރުން ބައިނަލްއަގުވާމީ ފެންވަރުގައި ފަލަސްތީނު ބަލައިގަތުމަށް މަސައްކަތް ކުރުމާއި، އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުތަކަށް މައްސަލަތައް ހުށަހެޅުމަކީ އެމެރިކާގެ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
އެހެންނަމަވެސް، އދ. ގެ ހެޑްކުއާޓާސް އެގްރީމެންޓްގެ ދަށުން ފަލަސްތީނުން އދ. އަށް ކަނޑައަޅާފައިވާ މިޝަންގެ އާންމު މުވައްޒަފުންނަށް އެމެރިކާގައި މަސައްކަތް ކުރުމުގެ ހުއްދަ ދެމިއޮންނާނެ ކަމަށް އެމެރިކާއިން ހާމަކުރެއެވެ.
މި އަހަރުގެ އާންމު މަޖިލީހުގައި ރައީސް އައްބާސް ދެއްވާ ހިތާބުގައި، ޔޫކޭ، ފްރާންސް އަދި ކެނެޑާ ފަދަ ހުޅަނގުގެ ގައުމުތަކުން ފަލަސްތީނު ބަލައިގަތުމާ ގުޅިގެން ދެ ދައުލަތުގެ ހައްލަކަށް ބާރުއެޅުމަށާއި، ޣައްޒާގެ އިންސާނީ ކާރިސާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ވަޒަންވެރިކުރުވާ ސަރަހައްދުތައް ފުޅާކުރުމުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވާނެ ކަމަށް ބެލެވިފައި އޮތެވެ.
ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވީ ނަމަވެސް، އިސްރާއީލުގެ އެއްވެސް އޮފިޝަލަކަށް އެމެރިކާއިން މިފަދަ ދަތުރުފަތުރުގެ ހުރަހެއް އަޅާފައެއް ނުވެއެވެ.
އދ. ގެ ދައުވަތަށް އެ އިދާރާގެ ހެޑްކުއާޓަރަށް ދަތުރުކުރާ ފަރާތްތަކަށް ހުރަސްނޭޅުމަށް އެމެރިކާއިން ވެފައިވާ އެއްބަސްވުންތަކާ މި ފިޔަވަޅު ހިލާފުވާ ކަމަށް ބުނެ، ފަލަސްތީނުގެ އޮފިޝަލުންނާއި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.