ވިޔަފާރި / ޚަބަރު
މޯލްޑިވިއަންގެ ދަތުރުތަކާއެކު އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މައްޗަށް
މޯލްޑިވިއަން އެއާރލައިން---
ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމާއެކު، އެ ޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޮސްޓްރޭލިއާއިން މި އަހަރުގެ މިހާތަނަށް 34,142 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 28,491 ފަތުރުވެރިންނާ އަޅާބަލާއިރު %19 ގެ ބޮޑު ކުރިއެރުމެކެވެ. މިއާއެކު، އޮސްޓްރޭލިއާ މިހާރު ވެފައިވަނީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަށެވެ. އަދި ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ %2.3 ހިއްސާކުރަނީވެސް އެ ޤައުމުގެ ފަތުރުވެރިންނެވެ.
މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅާ އަޅާބަލާއިރުވެސް އޮސްޓްރޭލިއާ މާކެޓުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ދަތުރުފަތުރުގެ ފަސޭހަކަމެވެ. އެގޮތުން، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޑިމާންޑް އިތުރުވަމުން ދިޔުމާ ގުޅިގެން، ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ މިއަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 1,484,097 (އެއް މިލިއަން ހަތަރު ލައްކަ އަށްޑިހަ ހަތަރު ހާސް ނުވަދިހަ ހަތެއް) އަށް އަރާފައެވެ. އަދި އޮސްޓްރޭލިއާ ފާހަގަކުރެވެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް މާކެޓުގެ ގޮތުގައެވެ.