ދުނިޔެ

އެމެރިކާގެ އާ ޓެރިފްތަކާ ހެދި ގުޅުމަށް އަސަރުކޮށްފާނެ ކަމަށް އިންޑިއާއިން ބުނެފި

އެމެރިކާގެ އާ ޓެރިފްތަކާ ހެދި ގުޅުމަށް އަސަރުކޮށްފާނެ ކަމަށް އިންޑިއާއިން ބުނެފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2026، 05:06

17 ސެޕްޓެމްބަރު 2026، 05:06

ރަޝިއާގެ އަތުން ތެޔޮ ގަންނަ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން ޓެރިފް ނެގުމަށް އަޅާ އާ ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު އިންޑިއާއިން އެމެރިކާއަށް ދީފިއެވެ.

މި އިންޒާރު ދީފައިވަނީ ރަޝިއާގެ ތެޔޮ ގަންނަ ފަރާތްތަކަށް އަދަބު ދިނުމުގެ އާ ބާރުތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިނުމަށް އެމެރިކާގެ ކޮންގްރެސްއިން ބިލެއް ފާސްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން ރަޝިއާއަށް ކުރިމަތިކުރާ އިގްތިސާދީ ފިއްތުންތައް އިތުރުކުރުމުގެ މަގްސަދުގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ބުދަ ދުވަހު ވަނީ ފުޅާ ދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅުތަކާއި ޓެރިފް ހިމެނޭ ބިލެއް ފާސްކޮށްފައެވެ. މި ބިލުގައި ރަޝިއާގެ ހަކަތައާއި ދިފާއީ ދާއިރާގެ އިތުރުން ރައީސް ވްލަޑިމިއާ ޕޫޓިންއަށާއި އެ ގައުމުގެ އިސް ވެރިންނަށް އަދި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ބޭނުންކުރާ ޓޭންކަރުތަކަށް އަމާޒުކޮށްފައިވެއެވެ.

މީގެއިތުރުން، ރަޝިއާގެ ތެލާއި ގޭހަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، އިންޑިއާ ހިމެނޭ ގޮތަށް އެކި ގައުމުތަކާ ދެކޮޅަށް ސައްތައިން ސައްތައާ ހަމައަށް ބޮޑެތި ޓެރިފްތައް ކަނޑައެޅުމުގެ ބާރު ޓްރަމްޕަށް ދީފައިވާއިރު، މި ބިލު ތަސްދީގު ކުރެއްވުމަށް މިހާރު ވަނީ ރައީސް ޓްރަމްޕްގެ އަރިހަށް ފޮނުވާފައެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނީ، އެ ގައުމުގެ 1.4 ބިލިއަން ރައްޔިތުންނަށް ބޭނުންވާ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި އެމެރިކާގެ ބިލު ފާސްވިކަން ފާހަގަކޮށް، ފާއިތުވި މަސްތަކުގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކާއެކު މި މައްސަލާގައި މަޝްވަރާކޮށް، މީގެ ސަބަބުން ދެ ގައުމުގެ ގުޅުމަށާއި ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ކޮށްފާނެ އަސަރުތައް ވަރަށް ސާފުކޮށް ހާމަކޮށްފައިވާނެ ކަމަށްވެސް އިންޑިއާއިން ބުންޏެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި "އިންޑިއާގެ ވިޔަފާރިއާއި އިގްތިސާދީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގައި ދެގޮތެއް ނުވެ ސާބިތުވެ ތިބޭނެކަން ވަނީ ސާފުކޮށްދީފައި،" ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ގާނޫނުގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކާ ކުރިމަތިލުމަށްޓަކައި ވިޔަފާރިއާއި ސިނާއީ ޖަމިއްޔާތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އިންޑިއާއަކީ ރަޝިއާގެ އަތުން އެންމެ ގިނައިން ތެޔޮ ގަންނަ އެއް ގައުމެވެ. ރަޝިއާއިން ތެޔޮ ގަތުން މަދުކުރުމަށް އަންނަ ޕްރެޝަރުތަކަށް ނުލެނބި އިންޑިއާއިން އަބަދުވެސް ބުނަމުންދަނީ، އެ ގައުމުގެ ބޮޑު އާބާދީއަށާއި އިގްތިސާދަށް އަގުހެޔޮ އަދި އިތުބާރު ހުރި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450