ދުނިޔެ

މައިގްރެންޓުން ޑީޕޯޓްކުރަން ޓްރަމްޕް ގެންގުޅުއްވި ސިޔާސަތު އެމެރިކާގެ ކޯޓަކުން ހުއްޓުވައިފި

މައިގްރެންޓުން ޑީޕޯޓްކުރަން ޓްރަމްޕް ގެންގުޅުއްވި ސިޔާސަތު އެމެރިކާގެ ކޯޓަކުން ހުއްޓުވައިފި

ޑީޕޯޓްކުރަން މައިގްރޭންޓުން ހައްޔަރުކުރަނީ. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ސެޕްޓެމްބަރު 2026، 02:08

19 ސެޕްޓެމްބަރު 2026، 02:08

އެމެރިކާއަށް ހިޖުރަކުރާ މީހުން ނުވަތަ މައިގްރެންޓުން އެމީހުންގެ އަމިއްލަ ގައުމު ނޫން އެހެން ގައުމުތަކަށް އަވަސް އަރުވާލައިގެން ޑީޕޯޓްކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެކުލަވާލި ސިޔާސަތު އެމެރިކާގެ ފެޑެރަލް އިސްތިއުނާފު ކޯޓަކުން ބާތިލްކޮށްފިއެވެ. ބޮސްޓަންގެ 1 ވަނަ ޔޫއެސް ސާކިޓް ކޯޓް އޮފް އެޕީލްސްގެ ތިން ފަނޑިޔާރުންގެ ބެންޗުން މިގޮތަށް ނިންމާފައިވާއިރު، މިއީ، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) ގެ 'ތާޑް ކަންޓްރީ ރިމޫވަލް' ސިޔާސަތަކީ ގާނޫނާ ހިލާފު ސިޔާސަތެއް ކަމަށް މިދިޔަ ފެބްރުއަރީ މަހު ނިންމި ނިންމުމަށް ތާއީދުކޮށް ނިންމި ނިންމުމެކެވެ.

މި މައްސަލައަކީ އެއްވެސް ގުޅުމެއް ނެތް ގައުމުތަކަށް މައިގްރެންޓުން ފޮނުވާލުމުގެ ކުރިން، ގާނޫނީ ގޮތުން އެމީހުންނަށް ލިބެންޖެހޭ ހައްގުތަކާއި އިމްތިޔާޒުތަކާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލައެކެވެ. ފަނޑިޔާރުންގެ ބެންޗުގެ ފަރާތުން ރައުޔު އިއްވަވަމުން ޔޫއެސް ސާކިޓް ޖަޖް ސެތު އަފްރޭމް ވިދާޅުވީ، ޑީޕޯޓްކުރުމުގެ ކުރިން ސަލާމަތީ ގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކުރުމުގެ މާނަވީ ފުރުސަތެއް މައިގްރެންޓުންނަށް ލިބެންޖެހޭނެ ކަމަށެވެ. އަދި ޓްރަމްޕް ސަރުކާރުން ގާނޫނު މާނަކޮށްފައިވަނީ މާ ހަނިކޮށް ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ނެޝަނަލް އިމިގްރޭޝަން ލިޓިގޭޝަން އެލަޔަންސްގައި ދައުވާކުރާ ފަރާތްތަކުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޓްރީނާ ރިއަލްމުޓޯ ވިދާޅުވީ، ކޮންގްރެސްއިން އަނިޔާއާއި އަނިޔާވެރިކަމާ ދެކޮޅަށް ހަދާފައިވާ ގާނޫނީ ރައްކާތެރިކަމަކީ، އެމީހުން ފޮނުވާލުމުގެ މަރުހަލާގައި ދުވަހަކުވެސް ބައިވެރިނުވާ ގައުމަކަށް ފްލައިޓެއްގައި އަރުވާ ފޮނުވާލުމުން ނިގުޅައިގަނެވޭނެ އެއްޗެއް ނޫންކަން މި ނިންމުމުން ސާބިތުވެއްޖެ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ޑީއެޗްއެސް އިން ވަގުތުން އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. ރައިޓްސް ގްރޫޕްތަކުން ހިންގާ 'ތާޑް ކަންޓްރީ ޑީޕޯޓޭޝަން ވޮޗް' އިން ބުނާ ގޮތުގައި، 2025 ވަނަ އަހަރުގެ މާޗު މަހު އަމަލުކުރަން ފެށި މި ސިޔާސަތުގެ ދަށުން، އެމެރިކާއިން ވަނީ 25،000 އަށް ވުރެ ގިނަ މައިގްރެންޓުން މަދުވެގެން 29 ގައުމަކަށް (ގިނައިން މެކްސިކޯއަށް) ފޮނުވާލުމަށް އެއްބަސްވުންތައް ހަދާފައެވެ.

މި މައްސަލަ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓާ ހަމައަށްވެސް ގޮސްފައިވެއެވެ. އޭގެ ތެރޭގައި 2025 ވަނަ އަހަރު، ކިއުބާ، މިޔަންމާ އަދި ވިއެޓްނާމްގެ ރައްޔިތުން ހިމެނޭހެން އަށް މީހަކު ސައުތު ސޫދާނަށް ޑީޕޯޓްކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައިވެއެވެ. މިއީ ކުށްކުރުމާއި ހަނގުރާމައިގެ ސަބަބުން ދަތުރުނުކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިރުޝާދު ދީފައިވާ ގައުމެކެވެ.

ޓްރަމްޕް ސަރުކާރުގެ އިމިގްރޭޝަން އެޖެންޑާއަށް މި މަހު ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި ދަރިވަރުންނާއި ނޫސްވެރިންގެ ވިސާ ލިމިޓްކުރުމަށް ރޭވި ރޭވުން ފެޑެރަލް ފަނޑިޔާރަކު ހުއްޓުވުމާއި، ގާނޫނީ ގޮތުން އާންމު އިނާޔަތްތައް ބޭނުންކުރާ އިމިގްރެންޓުންނަށް ގްރީން ކާޑު ދިނުން މަނާކުރާ ގަވާއިދަކާ ދެކޮޅަށް 22 ސްޓޭޓަކާއި ވޮޝިންޓަން ޑީސީ ގުޅިގެން ދައުވާ ކުރުން ހިމެނެއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450