ދުނިޔެ

ގޫގުލްގެ ޖެމިނައި އޭއައި ސެކިއުރިޓީ ޓެސްޓެއްގެ ތެރެއިން ތިން ކުންފުންޏެއް ހެކްކޮށްފި

ގޫގުލްގެ ޖެމިނައި އޭއައި ސެކިއުރިޓީ ޓެސްޓެއްގެ ތެރެއިން ތިން ކުންފުންޏެއް ހެކްކޮށްފި

ގޫގްލް ޖެމިނައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ސެޕްޓެމްބަރު 2026، 02:37

19 ސެޕްޓެމްބަރު 2026، 02:37

ގޫގުލްގެ ޖެމިނައި އޭއައި މޮޑެލްގެ ސައިބަރ ސެކިއުރިޓީ ޤާބިލުކަން ދެނެގަތުމަށް ހެދި ޓެސްޓެއްގެ ތެރެއިން، ޙަޤީޤީ ތިން ކުންފުންޏެއްގެ ސިސްޓަމްތައް ހެކްކޮށްފައިވާކަން ގޫގުލް އިން އަލްޖަޒީރާއަށް ކަށަވަރުކޮށްދީފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، 'އިރެގިއުލަރ' ކުންފުނިން ހިންގި މި ޓެސްޓުގެ ތެރެއިން ޖެމިނައި ފުރަތަމަ ފަހަރަށް ޓެސްޓިންގ އެންވަޔަރަންމަންޓުން ބޭރުވެފައިވަނީ މިދިޔަ މެއި މަހުގައެވެ.

މި ޓެސްޓުގައި ޖެމިނައި އަށް ހަވާލުކުރެވުނީ ޚިޔާލީ ކުންފުންޏެއްގެ މަޢުލޫމާތު ހޯދުމަށެވެ. ނަމަވެސް، އިންޓަނެޓް ބޭނުންކުރުމުގެ ހުއްދަ ނުރަނގަޅު ގޮތުގައި ލިބުމާ ގުޅިގެން، ޕާސްވޯޑެއް އަމިއްލައަށް ލަފާކޮށްގެން އަސްލު ކުންފުންޏެއްގެ ޚިދުމަތްތަކަށް އެ މޮޑެލް ވަދެފައިވެއެވެ. ގޫގުލްގެ ސެކިއުރިޓީ އިންޖިނިއަރިންގގެ ވައިސް ޕްރެޒިޑެންޓް ހެދަރ އެޑްކިންސް ވިދާޅުވީ، "އޮންލައިންކޮށް ހުރި ޢާންމު މަޢުލޫމާތު ހޯދައި، ޓެސްޓުގެ ބައެއް ކަމަށް ހީކޮށް ވެބްސައިޓުތަކަށް ވަނުމަށް ކްރެޑެންޝަލްތައް މޮޑެލް އިން ލަފާކުރި" ކަމަށެވެ. އެހެންނަމަވެސް، މި ތިން ފަހަރުވެސް އެ ޢަމަލު އެއްކޮށް ފުރިހަމަކުރުމުގެ ކުރިން މޮޑެލް ވަނީ އަމިއްލައަށް ހުއްޓިފައެވެ.

އިރެގިއުލަރ ކުންފުނިން މިކަން ގޫގުލްގެ ސަމާލުކަމަށް ގެނައީ ޖުލައި މަހުގެ ފަހުކޮޅުގައެވެ. ގޫގުލް އިން ބުނެފައިވަނީ މިއީ މޮޑެލް މިސްއެލައިންމަންޓެއް ނޫން ކަމަށާއި، ޖެމިނައިގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް މަސައްކަތްކޮށްފައިވާތީ މިއީ ޢާންމުކޮށް ހާމަކުރަންޖެހޭ ފަދަ ކަމެއް ނޫން ކަމަށެވެ. އިރެގިއުލަރ އާ ގުޅުންހުރި މިފަދަ ހާދިސާތައް މެޓާ، އެންތްރޮޕިކް އަދި އޯޕަންއޭއައި އިން ވެސް މީގެ ކުރިން ހާމަކޮށްފައިވެއެވެ.

ޖެމިނައިއާ ޚިލާފަށް، އެންތްރޮޕިކްގެ 'ކްލޯޑް' މޮޑެލް އަސްލު ކުންފުނިތަކަކަށް ވަދެވުނުކަން އެނގުމުންވެސް ހުއްޓާފައެއް ނުވެއެވެ. މީގެއިތުރުން، އޯޕަންއޭއައިގެ މޮޑެލްތައްވެސް ޓެސްޓިންގ މަރުޙަލާގައި ކޮންޓްރޯލުން ނެއްޓި އިންޓަނެޓަށް ވަދެފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ރައްކާތެރިކަމުގެ މައްސަލަތަކާ ހުރެ އެންތްރޮޕިކްގެ ރިސާޗަރަކު އިސްތިޢުފާ ދިނުމާ ގުޅިގެން، އެ ކުންފުނިން ވަނީ ހަތަރުވަނަ ހެކިންގ ހާދިސާއެއްވެސް ހާމަކޮށްފައެވެ.

މި ހާދިސާތަކާ ގުޅިގެން، އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޮޑެއި ވަނީ އޭއައި ތަރައްޤީކުރާ ދުވެލި މަޑުޖައްސާލުމަށް ގޮވާލައްވާފައެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި އޭއައިގެ ސަބަބުން އިންސާނިއްޔަތަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވެދާނެއެވެ. މި ގޮވާލުމަށް އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން އަދި އީލޮން މަސްކް ވެސް ވަނީ ތާއީދުކުރައްވާފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާއަށްވުރެ އެމެރިކާ ފަހަތަށް ޖެހިދާނެކަމުގެ ބިރު އޮތުމުން، އޭއައި ތަރައްޤީކުރުމަށް ހުރަސްއެޅުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450