ދުނިޔެ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސައުދީން ޔޫރަޕަށް ތެޔޮ ފޮނުވުން ހުއްޓާލައިފި
ޕޮލެންޑްގެ ތެޔޮ ސާފުކުރާ ކާރުޚާނާއެއް.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރަމުންދާތީ، އޮކްޓޯބަރު މަހު ޔޫރަޕްގެ މަދުވެގެން ދެ ކުންފުންޏަކަށް ސާފުނުކުރާ ތެޔޮ ނުފޮނުވޭނެ ކަމަށް ސައުދީ އަރަބިއްޔާއިން އަންގައިފިއެވެ.
ޔޫރަޕްގެ ރިފައިނަރީތަކުން ސައުދީގެ ތެޔޮ ގަންނަނީ ކޮންމެ މަހަކުވެސް ގަވާއިދުން ތެޔޮ ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ދިގު މުއްދަތުގެ އެއްބަސްވުންތަކުގެ ދަށުންނެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ނުވަތަ 'ފޯސް މަޖުއާ' ގެ ދަށުން މިފަދަ ސަޕްލައިތައް ކެންސަލް ކުރުމުގެ އިޚްތިޔާރު ހަކަތަ އުފައްދާ ކުންފުނިތަކަށް ލިބިގެންވެއެވެ. މީގެ ކުރިން މި މަހުގެ ކުރީކޮޅު ގަތަރުން ވެސް ވަނީ ހޮރުމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން އެލްއެންޖީ ފޮނުވުން ނޮވެމްބަރުގެ ނިޔަލަށް މެދުކަނޑާލާފައެވެ.
ސައުދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިން މެދުވެރިކޮށް ދުވާލަކު ގާތްގަނޑަކަށް ހަތަރު މިލިއަން ފީފާގެ ތެޔޮ ރަތްކަނޑުގެ ޔަންބު ބަނދަރަށް ފޮނުވުމުގެ ފުރުސަތު އޮތުމުން، ހޮރުމުޒް ކަނޑުއޮޅީގެ މައްސަލައިން އެ ގައުމަށް މީގެ ކުރިން ރައްކާތެރިކަން ލިބުނެވެ. ނަމަވެސް، ވޭތުވެދިޔަ ހަފްތާގައި ދިން ޑްރޯން ހަމަލާއެއްގައި އެ ޕައިޕްލައިން ވަނީ ހަލާކުވެފައެވެ. ސައުދީން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އިރާނާ ގުޅުން އޮންނަ އިރާގުގެ ހަނގުރާމަވެރިންނެވެ. މީގެ އިތުރުން ޔަމަނުގެ ހޫޘީން ވެސް ވަނީ ޔަންބު ބަނދަރަށާއި އަރާމްކޯގެ ވަސީލަތްތަކަށް ހަމަލާތަކެއް ދީފައެވެ.
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ތެލުގެ ބާޒާރުގައި ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 103 ޑޮލަރަށް އަރާފައެވެ. އެނަލިސްޓުން ބުނާ ގޮތުގައި މިއީ އަސްލު ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށްވުރެ ކުޑަ އަގެކެވެ. އަދި ޑީސަލާއި ޖެޓް ފިއުލް ފަދަ ސާފުކޮށްފައިވާ ތެލުގެ އަގުތައް މިއަށްވުރެ ވެސް މައްޗެވެ. އެމެރިކާގައި ވެސް ވޭތުވެދިޔަ ހަފްތާގައި ޑީސަލްގެ އަގު ވަނީ 7.7 އިންސައްތަ އުފުލިފައެވެ.
ހޫޘީން ސައުދީގެ އާގުބޯޓުފަހަރަށް ހުރަސްއަޅަން ފެށުމުން، ސައުދީން ވަނީ ސުއޭޒް މެޑިޓެރޭނިއަން ޕައިޕްލައިން މެދުވެރިކޮށް ތެޔޮ ފޮނުވަން މަސައްކަތް ކޮށްފައެވެ. ޔަމަނުގައި ހޫޘީންނާ ދެކޮޅަށް ސައުދީން އިސްވެ އޮވެ ހަނގުރާމަކުރުމަށްފަހު 2022 ގައި ހަމަލާތައް ހުއްޓާލި ނަމަވެސް، ސައުދީން އަދިވެސް ދަނީ ހޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ވައިގެ އަދި ކަނޑުގެ ބަންދެއް ކުރިމަތިކުރަމުންނެވެ. ހޫޘީން ބުނަމުންދަނީ ތެލުގެ ދަތުރުފަތުރަށް ހުރަސްއެޅުން ހުއްޓާލާނީ މި ބަންދު އުވާލުމުން ކަމަށެވެ.