ދުނިޔެ
އީރާނުގެ އޮފިޝަލުންނަށް އެމެރިކާއިން ވިސާ ދީފި
އިރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން
އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ އދ. ގެ އަހަރީ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އީރާނުގެ މަދު އަދަދެއްގެ އޮފިޝަލުންނަށް ވިސާ ދޫކޮށްފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.
ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަހަރު އެމެރިކާއިން ވިސާ ދީފައިވަނީ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް މަދު އަދަދެއްގެ ވަފުދަކަށެވެ. އަދި އެ ވަފުދުގެ ބޭފުޅުންނަށް މެންހަޓަން ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގައި ހަރުކަށި ހިފެހެއްޓުންތަކެއް ވަނީ ކަނޑައަޅާފައެވެ. މި ވަފުދުގައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އަދި ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ހިމެނިވަޑައިގަންނަވާ ކަމަށް ބެލެވެއެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ، އީރާނުގެ ރައްޔިތުން ދަތިތަކާ ކުރިމަތިލަމުންދާއިރު އެ ޤައުމުގެ އިސްވެރިން ނިއުޔޯކަށް ވިޔަފާރިކުރަން އައުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. "އީރާނުގެ ރައްޔިތުން އަނިޔާވެރިކަމާއި ފެނާއި ކަރަންޓުގެ ދަތިކަމާ ކުރިމަތިލަމުންދާއިރު، އެ ވެރިކަމުގެ އިސްވެރިން ނިއުޔޯކްގައި އަގުބޮޑު ވިޔަފާރިތައް ކުރުމަށް ފުރުސަތެއް ނުދޭނަން،" އޭނާ ވިދާޅުވިއެވެ. އަދި އދ. ގެ މިޝަންގެ އޮފިޝަލުންނާއި ޒިޔާރަތްކުރާ ވަފުދުގެ ބޭފުޅުންނަށް ލަގްޒަރީ މުދާ ގަތުމާއި ހޯލްސޭލް ކްލަބް މެންބަޝިޕްތައް ނެގުން މަނާކުރެވިފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
އީރާނުގެ ބައެއް އޮފިޝަލުންނަށް ވިސާ ދޫކުރި ނަމަވެސް، ވިދިވިދިގެން ދެވަނަ އަހަރަށް ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއިން ވަނީ ވިސާ ދިނުމަށް ދެކޮޅު ހަދާފައެވެ. މީގެ އިތުރުން ޕަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އަދި ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) ގެ އެއްވެސް އޮފިޝަލަކަށް ވިސާ ނުދޭން އެމެރިކާއިން ވަނީ ނިންމާފައެވެ.
ފަލަސްތީނުގެ ޚާރިޖިއްޔާއިން މި ނިންމުން ކުށްވެރިކޮށް ބުނެފައިވަނީ، މިއީ އެއްވެސް އަސާސެއް ނެތް އަދި ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ ނިންމުމެއް ކަމަށެވެ. އެމެރިކާގެ މި ނިންމުންތަކާ ގުޅިގެން އދ. ގެ މައި މަރުކަޒު ހުންނަ ޤައުމުގެ ހައިސިއްޔަތުން އެމެރިކާއިން އަދާކުރަންޖެހޭ ޒިންމާތަކާމެދު ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.