ދުނިޔެ
އިސްރާއީލުގެ ޙަމަލާއެއްގައި ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ ދަރިކަލުން ޝަހީދުކޮށްލައިފި
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އަމަލުތައް - ފޮޓޯ: އަލްޖަޒީރާ
އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި، ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުނީރު އަލްބުރުޝްގެ ދަރިކަލުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޑރ. މުނީރު އަލްބުރުޝްގެ ދަރިކަލުން ބަސީރު އަލްބުރުޝް ޝަހީދުވެފައިވަނީ ޣައްޒާގެ އުތުރުގައި އިސްރާއީލުގެ ނިރުބަވެރިން ދިން ވަރުގަދަ ބަޑީގެ ޙަމަލާތަކެއްގައެވެ.
މި ޙަމަލާ އަމާޒުވެފައިވަނީ ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ ހުޅަނގުގައި އޮންނަ އައްޒަހްރާ އަވަށަށެވެ. އަނިޔާވެރި ޒަޔަނިސްޓު އިސްރާއީލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، މިއަދު އެކަނިވެސް ޣައްޒާގެ އެކި ސަރަޙައްދުތަކުން ތިން މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. ބަސީރު އަލްބުރުޝް އަކީ މި ޙަމަލާތަކުގައި މިއަދު ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ.
އިސްރާއީލުން ޣައްޒާގެ ޢާންމު ރައްޔިތުންނަށާއި، ޞިއްޙީ ޚިދުމަތްތެރިންނާއި އެމީހުންގެ ޢާއިލާތަކަށް އަމާޒުކޮށް މިފަދަ ލާއިންސާނީ ޙަމަލާތައް ދެމުންގެންދާއިރު، މުޅި ޣައްޒާގެ ޞިއްޙީ ނިޒާމު ވަނީ ނާޒުކު ފައްތަރެއްގައެވެ. މިފަދަ ދަތި ހާލަތެއްގައިވެސް ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ގެންދަނީ ހުއްޓުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބެމުންނެވެ.