ދުނިޔެ
ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭގޮތުން އޮމާނާއި ޖަރުމަނުން މަޝްވަރާކޮށްފި
ހޮރުމޫޒު ކަނޑޮއޮޅީގައި އަޅާފައިވާ ބޯޓުތައް - ފޮޓޯ: ރޮއިޓާސް
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުގެ މިނިވަންކަން އަލުން ގާއިމުކުރުމާ ގުޅޭގޮތުން އޮމާނާއި ޖަރުމަނުވިލާތުގެ ސަރުކާރުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.
އޮމާންގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ޚާރިޖީ ވަޒީރު ބަދްރު ބިން ޙަމަދު އަލް ބުސައިދީ އާއި ޖަރުމަނުގެ ޚާރިޖީ ވަޒީރު ޖޯހަން ވެޑެފުލް ވަނީ ފޯނުން ގުޅުއްވައި އެ ސަރަހައްދުގެ މިހާރުގެ މަސްރަހާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ހޮރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށާއި، ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަނުދީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.
މި މަޝްވަރާތައް ކުރިއަށް މިދަނީ، އީރާނުން އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި ހުރަސްތައް ކުރިމަތިކުރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ހަމައެއާއެކު، އެމެރިކާގެ ކަނޑުގެ ސިފައިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުމަގުގެ ބްލޮކޭޑުގެ ސަބަބުން ސަރަހައްދުގެ މަސްރަހު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރުގެ ދަތުރުތައް އަލުން އާންމު ހާލަތަކަށް ގެނައުމަށްޓަކައި އޮމާނުން ދަނީ މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. މިގޮތުން ވިޔަފާރި އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ވަގުތީ ޝިޕިންގ ރޫޓުތަކެއް ހަމަޖެއްސުމަށްޓަކައި، އޮމާނުން މިހާރުވެސް ދަނީ އީރާނުގެ ސަރުކާރާއެކު ސީދާ ވާހަކަތައް ދައްކަމުންނެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ތެލުގެ ބޮޑުބައެއް އުފުލާ މައި މަގަށް ވުމާއެކު، މި މަގުން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ދެމެހެއްޓުމަކީ ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެ ގައުމުންވެސް ވަނީ ފާހަގަކޮށްފައެވެ.