ދުނިޔެ
ހޫޘީންގެ ހަމަލާތަކާ ދެކޮޅަށް ތުރުކީން ސައޫދީގެ ދިފާއަށް
ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ފިދާން
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާއަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ގޮތެއް ނިންމާނެ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވެއްޖެއެވެ.
މި އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވަނީ ތުރުކީ، ސައޫދީ އަރަބިއްޔާ އަދި ޕާކިސްތާން ހިމެނޭ ތިން ގައުމުގެ ދިފާއީ އެއްބަސްވުމުގެ ދަށުންނެވެ.
ތުރުކީގެ އެންޓީވީ ބްރޯޑްކާސްޓަރަށް ދެއްވި އިންޓަވިއުއެއްގައި ފިދާން ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ސައޫދީ އަރަބިއްޔާ ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ހަމަނުޖެހުމުގައި ބައިވެރިވުމުގެ އެއްވެސް ޝައުގުވެރިކަމެއް ރިޔާޟްގެ ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހަނގުރާމަ ހުއްޓުވުމަށްޓަކައި ހުރިހާ ފަރާތްތަކަކަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޕާކިސްތާނުން ވެސް ސައޫދީގެ ދިފާއުގައި ނިކުންނާނެކަމުގެ ޔަގީންކަން ދީފި
މި ދިފާއީ އެއްބަސްވުމުގެ ދަށުން ސައޫދީ އަރަބިއްޔާގެ ދިފާއުގައި ޕާކިސްތާނުން ވެސް ވަނީ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ. ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ވިދާޅުވީ، ސައޫދީ އަރަބިއްޔާ ދިފާއުކުރުމަށްޓަކައި ޕާކިސްތާނުން ކޮންމެ މިންވަރަކަށް ވެސް ދާނެ ކަމަށާއި އޭގެ ތެރޭގައި ޢަމަލީ ގޮތުން ސިފައިން ފޮނުވުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ސައޫދީން އިތުރު ސިފައިންނަށް އެދިފައިވޭތޯ އޭނާ ސާފުކޮށްދެއްވާފައެއް ނުވެއެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނެފައިވަނީ، މިވަގުތު މި އެއްބަސްވުމުގެ ދަށުން އަސްކަރީ ފިޔަވަޅެއް އެޅުމާ މެދު މަޝްވަރާ ކުރެވެމުން ނުދާ ކަމަށާއި، ވަގުތު ޖެހުމުން ޕާކިސްތާނުން ފިޔަވަޅު އަޅާނެ ކަމަށެވެ.
'މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް' ގެ ނަމުގައި ހެދިފައިވާ މި އެއްބަސްވުމުގައި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޮއިކުރެއްވީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު މައްކާގައެވެ. އަދި އޮގަސްޓް 31 ގައި އިސްތަންބޫލްގައި ބޭއްވުނު ބައްދަލުވުމެއްގައި މި އިއްތިހާދަށް ވަނީ ރަސްމީކޮށް 'މައްކާ ޑިފެންސް އެލަޔަންސް' ގެ ނަން ދީފައެވެ. މި އިއްތިހާދުގެ މައިގަނޑު އުސޫލަކީ މީގެ ތެރެއިން ގައުމަކަށް ދެވޭ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލުމެވެ.
މި އެއްބަސްވުން އުފަންވެފައި މިވަނީ، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށްފަހު ފެށުނު ހަނގުރާމައިގެ ސަބަބުން ގަލްފުގެ ސަރަހައްދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ތެރޭގައެވެ. ނަމަވެސް ބައެއް މުރާސިލުން ފާހަގަކުރާ ގޮތުގައި، މި އިއްތިހާދުގައި ނޭޓޯ ފަދަ އިންތިޒާމުތަކެއް އަދި އެކުލެވިފައެއް ނުވެއެވެ.