ދުނިޔެ
ހޫޘީންގެ ހަމަލާތައް ވަރުގަދަވުމާއި އެމެރިކާގެ ސިޔާސަތާ މެދު ކަންބޮޑުވުން ބޮޑުވެއްޖެ
ހޫޘީންގެ ހަނގުރާމަވެރިންތަކެއް.
އީރާނުގެ މަދަދުލިބޭ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ރަތްކަނޑުގެ މުހިންމު ސަރަހައްދުތަކަކަށް އަތްގަދަކޮށް، ހަމަލާތައް ވަރުގަދަކުރަމުންދާއިރު ވެސް އެމެރިކާއިން ސީދާ އަސްކަރީ ގޮތުން އެކަމުގެ ތެރެއަށް ވަންނަން ދެކޮޅުހެދުމުން ގަލްފުގެ ގައުމުތަކާއި ސަރަހައްދީ ފަރާތްތަކުގެ މެދުގައި ނުތަނަވަސްކަމާއި މާޔޫސްކަން އިތުރުވެއްޖެއެވެ.
ހޫޘީން މިހާރު ދަނީ ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތްކުރަމުން ކަމަށް އެމެރިކާގެ އޮފިޝަލުން ގަބޫލުކުރެއެވެ.
ހޫޘީން ހުއްޓުވުމަށްޓަކައި އެމެރިކާއިން ސައޫދީ އަރަބިއްޔާއަށް ޖާސޫސީ މައުލޫމާތާއި ޓާގެޓިން ޑޭޓާ ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ޔަމަނުގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދުތައް ހޫޘީންގެ ބާރުގެ ދަށަށް ގެންދިއުން ހުއްޓުވުމުގައި ސައޫދީ އިސްވެ އޮންނަ އިއްތިހާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ހޫޘީން ވަނީ ސައޫދީގެ ވެރިރަށް ރިޔާޟާއި ޔަންބޫގައި ހުންނަ އަރާމްކޯގެ ތެޔޮ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ. ސައޫދީން ބުނެފައިވަނީ ރިޔާޟަށް އަމާޒުވި ބެލިސްޓިކް މިސައިލެއް ވައިގެ ދިފާއީ ނިޒާމުން ނައްތާލާފައިވާ ކަމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްވާފައިވާ ގޮތުގައި އެމެރިކާގެ ސިފައިން ސީދާ ގޮތެއްގައި ހޫޘީންނާ ދެކޮޅަށް ހަމަލާދިނުމަކީ އޭނާ ބޭނުންފުޅުވާ ކަމެއް ނޫނެވެ. ޓްރަމްޕް ބުނީ "ހޫޘީން އަޅުގަނޑުމެންނަށް ގުޅާފައި ބުނެފައިވަނީ އަޅުގަނޑުމެންނާ ހަނގުރާމަކުރަން ބޭނުންނުވާ ކަމަށް" ކަމަށާއި އެމީހުންގެ މައްސަލައަކީ ހަމައެކަނި ސައޫދީ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ކުރީގެ ޑިޕްލޮމެޓުންނާއި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ އެމެރިކާގެ ސިޔާސަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާއިން ހޫޘީންނަށް ވައިގެ ހަމަލާތައް ދިނުމަށް ޓްރަމްޕްގެ އަރިހުން ދެ ފަހަރެއްގެ މަތިން އެދިވަޑައިގެންފައެވެ. ނަމަވެސް އެމެރިކާއިން މިހާތަނަށް އެކަމަށް އެއްބަސްވެފައެއް ނުވެއެވެ. އަދި މިސައިލް ދިފާއީ ވަސީލަތްތައް މަދުވަމުންދާތީ، ސައޫދީން މިހާރު ދަނީ ފްރާންސް، އިނގިރޭސިވިލާތް، ޕާކިސްތާން އަދި މިސްރުގެ އެހީތެރިކަމަށް ވެސް އެދެމުންނެވެ.
ހޫޘީންގެ ހަމަލާތައް އިތުރުވުމުގެ ސަބަބުން ސަރަހައްދީ އެހެން މަޝްވަރާތަކަށް، ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ކުރިއަށްދިޔަ ވާހަކަތަކަށް ވަނީ ބުރޫއަރާފައެވެ. އީރާނާއި ޖީސީސީ ގައުމުތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހުނު ފުރަތަމަ ބައްދަލުވުން ވެސް ވަނީ ސައޫދީން ބައިވެރިނުވާން ނިންމުމާ ގުޅިގެން ކެންސަލްކޮށްފައެވެ. މާހިރުން ދެކޭގޮތުގައި ހޫޘީންގެ މި ހަރަކާތްތަކަކީ އީރާނުން ކުރިއަށްގެންދާ ހަނގުރާމައިގެ އައު މައިދާނެއް ކަމަށާއި، މި މައްސަލަ ހައްލުނުކޮށް ސަރަހައްދީ ހަމަޖެހުމެއް ނާންނާނެއެވެ.