ދުނިޔެ
ތައުލީމީ އައު އަހަރު ފެށުނު ދުވަހު އިސްރާއީލުން ފަލަސްތީނު ކުއްޖަކު ޝަހީދުކޮށްލައިފި
އިސްރާއިލުން ޝަހީދުކޮށްލި ފަލަސްޠީނުގެ ކުއްޖާ.
އައު ދިރާސީ އަހަރު ފެށިގެން ސްކޫލަށް ދިޔަތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ ބައްޕަ ޝަހީދުވެއްޖެއެވެ.
ޝަހީދުވި ކުއްޖާގެ އުމުރު ޝިފާ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހަމަލާގައި ޝަހީދުވެފައި ވަނީ ވަފާ ޔޫސުފް ނަބީލް އަގީލާ އަދި އޭނާގެ ބައްޕަ ޔޫސުފް ނަބީލް ރަބާހް އަގީލާއެވެ. މި ދެބަފައިން ހުޅަނގު ޣައްޒާ ސިޓީގެ ހާމިދު ހަތަރުއަނގޮޅި ކައިރިން ކާރެއްގައި ދަތުރުކުރަމުން ދަނިކޮށް އިސްރާއީލުގެ ޑްރޯނަކުން ވަނީ އެ ކާރަށް ހަމަލާދީފައެވެ. އަލްޝިފާ ހޮސްޕިޓަލުގެ ސިއްޙީ އޮފިޝަލުން ހާމަކުރި ގޮތުގައި މި ހަމަލާގައި އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ.
ހަމަލާ ދިނުމުގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި، ވަފާ ހުރީ ނޫކުލައިގެ ޔުނިފޯމުގައި ހިނިތުންވެ، ސްކޫލަށް ދެވުމުގެ އުފަލުގައެވެ. ނަމަވެސް އެ އުފާވެރިކަން ދެމިގެންދިޔައީ މަދު ވަގުތުކޮޅަކަށެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން ބުނީ އަމާޒުކުރީ ހަމާސްގެ މެންބަރަކަށް ކަމަށާއި، ވަފާގެ ބައްޕައަކީ ހަމާސްގެ ކޮމާންޑަރެއް ކަމަށެވެ. އެހެންނަމަވެސް އެކަން ސާބިތުކޮށްދޭނެ ހެއްކެއް އެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
އާދީއްތަ ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން އެހެން ހަމަލާތަކުގައިވެސް ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އެގޮތުން މެދުތެރޭ ޣައްޒާގެ ދައިރުލް ބަލަހްގެ ސަކީނާ ސްކޫލަށް އަމާޒުކޮށް ދިން ހަމަލާގައި އުމުރުން ހަތް އަހަރުގެ ސަޢުދީ ޣަލިޔާ ޝަހީދުވެފައިވާއިރު، ރިމާލް ސަރަޙައްދުގަޔާއި ފަލަސްތީން ސްޓޭޑިއަމް ކައިރީގައި ދިން ހަމަލާތަކުގައިވެސް ޒުވާނުންތަކެއް ވަނީ މަރުވެފައެވެ.