ރިޕޯޓް
ރަށު ފަތުރުވެރިކަމަކީ ރަށުގެ ތަރައްޤީއާ ގުޅިފައިވާ ކަމެކޭ ބުނެވިދާނެތަ؟
ލޯކަލް ޓޫރިޒަމް ކުރިއެރުވުން. ފޮޓޯ: އިންޓަނެޓް
ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބު ކަމުގައިވާއިރު، ފަޅު ރަށްތަކެކޭ އެއްފަދައިން މީހުން ދިރިއުޅޭ ރަށްތަކުގައި ވެސް ފަތުރުވެރިކަން ދަނީ ފުޅާވަމުންނެވެ. ނުވަތަ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެ ކުރިއަރަމުންނެވެ. މިކަން ރާއްޖޭގެ ގިނަ އަތޮޅުތަކުން ޝައްކެއް ނެތް މިންވަރަށް ދަނީ ފެނި ކަށަވަރުވަމުންނެވެ.
ލޯކަލް ޓޫރިޒަމްގެ ސަބަބުން ރަށްރަށަށް ވަރަށް ގިނަ ގޮތްގޮތުން ފައިދާކުރެއެވެ. މީގެ ކުރިން ރިސޯޓްތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުވެ، ރަށުގެ އާންމު ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި ފައިސާ ވަންނާނެ މަގުތައް މިހާރު މިވަނީ ތަނަވަސްވެފައެވެ.
ދިވެހިރާއްޖޭގެ ޖަޒީރާވަންތަ ރަށްތަކަކީ ޒަމާނުއްސުރެ ހިތްގައިމު ގުދުރަތީ ރީތިކަމާއި، މަޑުފުސް ކަނޑުއޮޅިތަކާއި، ހިމޭން މާހައުލަކަށް މަޝްހޫރު ތަނެކެވެ. ފަހުގެ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބަދަލަކާއެކު، މުޅި ރަށްރަށުގެ އިޤްތިސާދީ އަދި އިޖުތިމާއީ މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. އެއީ ލޯކަލް ޓޫރިޒަމް ނުވަތަ ރަށްރަށުގައި ހިންގާ ގެސްޓްހައުސުތަކުގެ ވިޔަފާރިތަކުގެ ސަބަބުންނެވެ. ލޯކަލް ޓޫރިޒަމްގެ ސަބަބުން ރައްޔިތުންނަށް ލިބޭ އިޤްތިސާދީ މަންފާތައް ގިނައެވެ. ލިބޭ އާމްދަނީ ސީދާ ރައްޔިތުންގެ ޖީބަށް ދާނެ މަގު މިހާރު މިއޮތީ ފަހިވެފައެވެ. ރިސޯޓުތަކުން ލިބޭ ނަފާ ބޮޑު ކުންފުނިތަކަށް ދިޔަ ނަމަވެސް، ލޯކަލް ޓޫރިޒަމްގެ ސަބަބުން ފަތުރުވެރިން ހޭދަކުރާ ފައިސާ ސީދާ ލިބެނީ ރަށުގެ ގެސްޓްހައުސް ވެރިންނަށާއި، ކެފޭ ނުވަތަ ރެސްޓޯރަންޓްތަކަށާއި، ކުދި ވިޔަފާރިވެރިންނަށެވެ.
މީގެ އިތުރުން އަމިއްލަ ރަށުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު މިވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ. ވަޒީފާ އަދާކުރުމަށްޓަކައި އާއިލާއާ ވަކިން ދުރު ރިސޯޓުތަކަށް ނުވަތަ މާލެއަށް ހިޖުރަކުރަންޖެހުނު ގިނަ ޒުވާނުންނަށް، މިއަދު އަމިއްލަ ރަށުގައި ތިބެގެން ފަތުރުވެރިކަމުގެ ދާއިރާއިން ރަނގަޅު އާމްދަނީއެއް ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
ހަމައެހެންމެ، ލޯކަލް ޓޫރިޒަމްގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ކުރިއެރުން ބޮޑެވެ. މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ލިބުމާއި، ދަނޑުވެރިންގެ އުފެއްދުންތަކަށް ބާޒާރު ލިބުމުގެ އިތުރުން، އޮޑި ދޯނިފަހަރު ދުއްވާ ފަރާތްތަކަށް ބޮޑު އާމްދަނީއެއް ލިބެއެވެ.
އިޤްތިސާދީ މަންފާތަކުގެ އިތުރުން އަސާސީ ޚިދުމަތްތައްކާއި ވަސީލަތްތައް ތަރައްޤީވެގެން ދިއުމަކީވެސް ލޯކަލް ޓޫރިޒަމްގެ ސަބަބުން ލިބޭ ފައިދާއެކެވެ. ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގައި ލޯކަލް ޓޫރިޒަމްގެ ދައުރު ބޮޑެވެ. ފަތުރުވެރިންގެ އާބާދީއާއެކު ރަށްރަށަށް ދަތުރުކުރާ ލޯންޗުފަހަރާއި ފެރީގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރަށުގެ އާންމު ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްވެގެންދެއެވެ.
ފަތުރުވެރިންނަށް ފެންވަރު ރަނގަޅު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރަށްރަށުގެ ކަރަންޓާއި، އިންޓަނެޓް އަދި ނަރުދަމާގެ ނިޒާމުތައް ތަރައްޤީކުރެވިގެން ދިއުމަކީވެސް ލޯކަލް ޓޫރިޒަމްގެ ސަބަބުން ލިބިގެންދާ މަންފާއެކެވެ. ހަމައެއާއެކު، ސިއްޙީ އަދި ބޭންކިންގ ޚިދުމަތްތައް ރަށުގައި ފުޅާވެގެންދެއެވެ. ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތާއި، ރަނގަޅު ފާމަސީތަކާއި ސިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް އަވަސްކާމާއެކު ޤާއިމުވެގެންދެއެވެ.
ލޯކަލް ޓޫރިޒަމްގެ ސަބަބުން ދިވެހިރާއްޖޭގެ ސަޤާފަތާއި ތަރިކަތަކަށް ކުރިއެރުން ލިބެއެވެ. ފަތުރުވެރިން ދިވެހިންގެ އާދަކާދައާއި، ބޮޑުބެރުގެ މިއުޒިކާއި، ކާބޯތަކެއްޗާއި، ސަޤާފީ ކުޅިވަރުތަކަށް ދޭ ސަމާލުކަން އިތުރުވުމުގެ ސަބަބުން، އުވިފައިވާ ގިނަ ސަޤާފީ ކަންކަން ދިރުވައި އާލާކުރުމަށް ރަށްރަށުގެ ރައްޔިތުންނަށް ހިތްވަރު ލިބެއެވެ.
ލޯކަލް ޓޫރިޒަމްގެ ސަބަބުން ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް ފަރުދުން ދެއްވާ އަހައްމިއްޔަތުކަން ބޮޑެވެ. ފަރުތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ކަނޑުފަޅުތަކުގެ ރީތިކަން ބަލާލުމަށް ފަތުރުވެރިން އަންނާތީ، އެ ދިރުންތައް ނެތިގޮސްފިނަމަ ވިޔަފާރިއަށް އަސަރުކުރާނެކަން ރައްޔިތުންނަށް ވިސްނެއެވެ. ނަތީޖާއެއްގެ ގޮތުން ކަނޑުފަޅުތައް ސާފުކޮށް މޫދުގެ ތިމާވެށި ރައްކާތެރިކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުވެއެވެ.
ރަށްރަށުގެ ފަތުރުވެރިކަމަކީ ހަމައެކަނި އިޤްތިޞާދީ ގޮތުން ލިބޭ ނަފާއެއް ނޫނެވެ. މިއީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އާއިލީ ގުޅުންތައް ބަދަހިކޮށްދީ، އަދި އަޅުގަނޑުމެންގެ ސަޤާފަތާއި މެހެމާންދާރީ މުޅި ދުނިޔެއަށް ފަޚުރުވެރިކަމާއެކު ދައްކުވައިދޭ ރަނުގެ ފުރުސަތެކެވެ. މުސްތަޤުބަލުގައި މި ދާއިރާ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވިއްޖެނަމަ، މިއީ މުޅި ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ކުރިމަގު އާރޯކޮށްދޭނެ އެންމެ އަލި މަގަށް ވެގެންދާނެއެވެ. ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.