ކޮލަމް
އިޝާރާތެއް ނެތި ކުރެވޭ ކުޑަކުޑަ ކަމަކުން މީހެއްގެ ފުރާނަ ގެއްލިދާނެ!
ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓް ސަރަހައްދު. ފޮޓޯ: އިންޓަނެޓް
ހުޅުމާލެއަކީ ވަރަށް ފުރިހަމައަށް ޕްލޭންކުރެވިގެން ތަރައްޤީކޮށްފައިވާ ތަނެކެވެ. މަގުތައް ފުޅާވެފައި ދުއްވާ އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވަކިވަކިން އިންތިޒާމުތައް ހަމަޖެހިފައިވީ ނަމަވެސް، ޤަވާއިދުތަކަށް ފުރަގަސްދީ ފަރުވާކުޑަކޮށްލާ ކޮންމެ ސިކުންތަކީ ބޮޑު ނުރައްކަލަކަށް މަގުފަހިވާ ވަގުތެކެވެ. މަގުމަތީގެ ރައްކާތެރިކަމަކީ ހަމައެކަނި ލިޔެވިފައިވާ ޤަވާއިދުތަކެއް ނޫނެވެ. އެއީ ތިމާ އާއި އަނެކާގެ ފުރާނައިގެ ސަލާމަތާ ގުޅިފައިވާ އަސާސީ ކަމެކެވެ.
ވިނަރެސް ފްލެޓްތައް ހުންނަ ސަރަޙައްދުގެ މައި މަގަށް ނަޒަރު ހިންގާލުމުން ފެންނަނީ އަބަދުވެސް ކާރުބާރު ބޮޑު، ހަރަކާތްތެރި މަންޒަރެކެވެ. އެ މަގަކީ އުޅަނދުތައް މަޑުނުކޮށް އަމާންކަމާއެކު ދުއްވުމަށް ފަރުމާކުރެވިފައިވާ ތަނަކަށްވެފައި، ކާރާއި ސައިކަލު ޕާކުކުރާނެ ޚާއްސަ ޖާގަތަކާއި މީހުން އަރުވައި ބޭރުކުރުމަށް ޑްރޮޕް އޮފް ސަރަޙައްދުތައް ކަނޑައެޅިފައި ހުރެއެވެ. ނަމަވެސް، ގިނަ ފަރާތްތަކުން މި އުސޫލުތަކަށް އަމަލުނުކޮށް މަގު މެދަށް އުޅަނދުތައް މަޑުކުރުމުގެ ސަބަބުން ފަހަތުން އަންނަ އުޅަނދުތަކަށް ކުއްލި ނުރައްކާތަކާ ކުރިމަތިވެއެވެ. ސައިކަލުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މީހުން އަރުވައި ބޭލުމަށް މަގުގެ ދެމެދަށް މަޑުކުރުމަކީ ފަހަތުން އަންނަ އުޅަނދުތައް ކުއްލިއަކަށް ބްރޭކް ހިފަންޖެހި، ބޮޑެތި އެކްސިޑެންޓްތަކަށް މަގުފަހިވާ ކަމެކެވެ.
މީގެ އިތުރުން، ގާތްގާތުގައި ކަފިހިހުރަސްތައް ހުރިނަމަވެސް ކަނޑައެޅިފައިނުވާ ތަންތަނުން މަގު ހުރަސްކުރުމަކީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ކުރެވޭ ވަރަށް ނުރައްކާތެރި ކަމެކެވެ. ޚާއްސަކޮށް، އަނެއްފަޅީގައި އޮތް އުޅަނދަކަށް އެރުމަށްޓަކައި ބާރަށް ދުއްވާފައިދާ އުޅަނދުތަކުގެ މެދުން މަގު ހުރަސްކުރުމަކީ ހިތާމަވެރި ހާދިސާތައް ހިނގުމަށް ދެވޭ ދަޢުވަތެކެވެ. ދުއްވާ މީހާއަށް ކުއްލިއަކަށް ހިނގާފައިދާ މީހުން ނުފެނިދާނެއެވެ. ނަތީޖާއަކަށް ވަނީ އިޝާރާތެއް ނެތި ކުރެވޭ ކުޑަކުޑަ ކަމަކުން މުޅި އާއިލާއަށް އޭގެ ހިތާމަ ތަޙައްމަލުކުރަން ޖެހުމެވެ.
މަގަކީ އެންމެންގެ އާންމު ހައްޤަކަށްވާއިރު، އަނެކާގެ ރައްކާތެރިކަމަށް ނުވިސްނައި ދުއްވުމާއި ހިނގުމަކީ މުޅި މުޖުތަމަޢުގެ އަމާންކަން ގެއްލިގެންދާނެ ކަމެކެވެ. ކޮންމެ މީހަކުވެސް މަގުމައްޗަށް ނުކުންނަނީ އެނބުރި ގެއަށް ދިއުމުގެ އުންމީދުގައެވެ.
މަގުމަތީގެ ރައްކާތެރިކަމަކީ ހަމައެކަނި ސަރުކާރުން ނުވަތަ ފުލުހުން ބަލަހައްޓަންޖެހޭ ކަމެއް ނޫނެވެ. އެއީ ތިމާއާއި އަނެކާގެ ފުރާނަ ރައްކާތެރިކުރުމަށްޓަކައި ފަރުދީ ގޮތުން އަދާކުރަންޖެހޭ އިޖުތިމާއީ ޒިންމާއެކެވެ. ވިނަރެސް ސަރަޙައްދުގެ މަގުތައް އަމާން ތަނަކަށް ހެދޭނީ އެންމެން އެކުގައި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކަކު އަނެކަކަށް އަޅާލުމުގެ ރޫޙު އިސްކޮށްގެންނެވެ.