ދުނިޔެ

އެމެރިކާއިން ދަނީ އަލުން ހަމަލާތައް ދޭން ތައްޔާރުވަމުން: އީރާން

އެމެރިކާއިން ދަނީ އަލުން ހަމަލާތައް ދޭން ތައްޔާރުވަމުން: އީރާން

އީރާންގެ ޢަސްކަރިއްޔާގެ އޮފިސަރެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ސެޕްޓެމްބަރު 2026، 07:03

21 ސެޕްޓެމްބަރު 2026، 07:03

އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާތައް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އީރާނުގެ މައި އަސްކަރީ ކޮމާންޑުން ހާމަކޮށްފިއެވެ.

އީރާނުގެ ހަތިޔާރު އެޅި ފައުޖުތައް ބަލަހައްޓާ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒް އިން އާދީއްތަ ދުވަހު މި އިންޒާރު ދީފައިވާއިރު، މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އަނެއްކާވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އީރާނުން ބުނެފައިވަނީ އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތުތަކަށް ބަދަލުހިފުމުގެ ހަމަލާތައް އަމާޒުވާނެ ކަމަށެވެ. އަދި އެމެރިކާގެ ހަމަލާތަކަށް އެހީތެރިވުމަށް ޖާގަ ނުދިނުމަށް ސަރަޙައްދީ ޤައުމުތަކަށް އިންޒާރު ދެމުން އީރާނުގެ އަސްކަރިއްޔާއިން ބުނީ، އެމެރިކާއަށް އެއްބާރުލުންދޭ ޤައުމުތަކަކީ މިކަމުގައި ޝާމިލުވާ ޤައުމުތަކެއްގެ ގޮތުގައި ބަލައި، އެ ޤައުމުތަކަށްވެސް އީރާނުގެ ރައްދު ހަމަލާތައް އަމާޒުވެދާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، އީރާނާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ހުރި ކަމަށާއި، އޭގެ ތެރޭގައި އިތުރު އަސްކަރީ ފިޔަވަޅުތައް އެޅުމާއި، އިޤްތިޞާދީ ގޮތުން ފިއްތުން ނުވަތަ އެއްބަސްވުމަކަށް ދިއުން ހިމެނޭ ކަމަށެވެ. މީގެއިތުރުން، މި ހަފްތާގައި ނިއުޔޯކުގައި ބާއްވާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާންއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު އޮތް ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ފުރާވަޑައިގެންފައިވާއިރު، މަގުމަތީގައި ޤަޠަރަށް މަޑުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް، އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، ޑިޕްލޮމެޓިކް މަޝްވަރާތަކަށް ދިއުމުގެ ކުރިން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ދުޝްމަނުން ފަހަތަށް ޖައްސަންޖެހޭ ކަމަށެވެ.

މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރާއި ޕާކިސްތާނަށް އީރާނުން އަންގާފައިވާ ގޮތުގައި، އަލުން ވާހަކަތައް ފެށުމުގެ ޝަރުތުތަކުގެ ތެރޭގައި ހަނގުރާމައާއި އެމެރިކާގެ ހަމަލާތައް ހުއްޓާލުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމުގެ އިތުރުން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބަންދު އުވާލުން ހިމެނެއެވެ. އަދި ކުރީގެ އެއްބަސްވުންތަކަށް އެމެރިކާއިން އިޙްތިރާމް ނުކުރާހާ ހިނދަކު ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް ޤާލީބާފް ވިދާޅުވިއެވެ.

މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް މުހިންމު މަގެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ޝިޕިންގ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފްތާ ބަންދުގައި އެ ކަނޑުއޮޅި ހުރަސްކުރީ އެންމެ 12 އާގުބޯޓެވެ. މިއީ އޭގެ ކުރީ ހަފްތާ ބަންދުގައި ހުރަސްކުރި 35 ބޯޓާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450