ވިޔަފާރި
ރަސްމާލެއަށް އިންވެސްޓްކުރާ އީގަލް ހިލްސްއިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަން ނިންމައިފި
ހުޅުމާލޭގައި 500 ހައުސިންގ ޔުނިޓ އަޅަން ނިންމުން - ފޮޓޯ: ހައުސިންގ މިނިސްޓްރީ
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއު ތަރައްގީކުރުމަށް ހަވާލުވި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުނިން، ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އެ ކުންފުންޏާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ތަރައްގީގެ އިންވެސްޓްމަންޓެވެ. ރާއްޖޭގެ މުޅި ޖީޑީޕީ 8.13 ބިލިއަން ޑޮލަރުގައި އޮތްއިރު، މި މަޝްރޫއުގެ އަގު ރާއްޖޭގެ އިގްތިސާދަށްވުރެ ދެ ގުނަ ބޮޑެވެ.
މި މަޝްރޫއާ ގުޅޭގޮތުން ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓުގެ ސަބަބުން، މީގެ ކުރިން ސަރުކާރުން އިއުލާންކޮށްފައިވާ ސޯޝަލް ހައުސިންގެ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ރަސްމާލޭގައި ގޯއްޗާއި ފްލެޓް ހިމެނޭހެން ޖުމްލަ 65،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، މި މަޝްރޫއަށް ދައުލަތުން އެއްވެސް ސަވަރިން ގެރެންޓީއެއް ދީފައި ނުވާނެ ކަމަށާއި، ކުންފުންޏަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، ހަވާލުކުރުމަށްފަހު އެ ތަންތަން ވިއްކުމުގެ މަރުހަލާގެ ތެރެއިން ކަމަށްވެސް ހައުސިންގ މިނސްޓްރީއިން ވިދާޅުވެއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1،150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ 716 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައެވެ. މިއާއެކު ރަސްމާލެ ވެގެން ގޮސްފައިވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށެވެ.
ރަސްމާލޭގެ އިތުރުން ހުޅުމާލޭގައިވެސް ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ މަޝްހޫރު ބުރްޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްގީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލް އައްބާރުގެ ވިޔަފާރިއެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ އަބޫދާބީގެ އިތުބާރު ހިފޭ ކުންފުންޏެކެވެ.