ވިޔަފާރި
ރަސްމާލޭގެ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢު ކުރިއަށްދާނީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތުގައި: އަލް އައްބާރު
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލް އައްބާރު - ފޮޓޯ: ހައުސިންގ މިނސްޓްރީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢުގެ ދަށުން، ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ހިންގާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި, ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ލިބޭނެ ގޮތަށް ކަމަށް އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އައްބާރު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ވޯޓަފްރަންޓް ސިޓީއެއް ތަރައްޤީކުރުމަށްޓަކައި ދިވެހި ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔޫއޭއީގެ އަބޫދާބީގައެވެ. ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ އަދި ދުބާއީ މޯލް ފަދަ އިންޤިލާބީ މަޝްރޫޢުތައް ބިނާކުރި އިމާރް ކުންފުނީގެ ބާނީ އަލް އައްބާރު ވިދާޅުވީ، "ދިވެހިރާއްޖެ" ފަދަ ހިތްގައިމު ޤައުމެއްގެ ތަރައްޤީގެ ބައިވެރިއަކަށް ވުމުގެ ފުރުޞަތު މި ސަރުކާރުން ފަހިކޮށްދެއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އަލް އައްބާރު ފާހަގަކުރެއްވި ގޮތުގައި މުޅި ދުނިޔޭގެ އެންމެންވެސް އިންވެސްޓް ކުރަން ބޭނުންވާ ފަދަ ޤައުމަކަށް ރާއްޖެ ވީހިނދު، އަދުގެ ސަރުކާރުން މިފަދަ ބޮޑު މަޝްރޫޢެއްގެ ދަޢުވަތު ދެއްވުމުން އެކަން ބަލައިގަތީ ނުހަނު އުފަލާއި ޝައުޤުވެރިކަމާއެކުގައެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށާއި މުޅި މުޖުތަމަޢަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު ޢަޒުމް ކަމުގައި ވެސް ވިދާޅުވިއެވެ.
ރިއަލް އެސްޓޭޓް ދާއިރާގައި 28 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަލް އައްބާރު ޔަޤީންކަން ދެއްވި ގޮތުގައި، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ފުރިހަމައަށް ރައްކާތެރިވެ، އިޖުތިމާޢީ މިންގަނޑުތަކަށް އިޙްތިރާމްކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ދިވެހިންނަށް އެތައް ހާސް އައު ވަޒީފާތަކަކާއި ވިޔަފާރީގެ ފަހި ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ރަސްމާލޭގައި އެންމެ މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ޒަމާނީ ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ މަރުކަޒުތައް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ސިއްޙީ، ތަޢުލީމީ އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވި، މިއީ ރާއްޖޭގެ އިޤްތިޞާދު އައު އުސްމިންތަކަކަށް ގެންގޮސްދޭނެ މުހިންމު ބިނާއަކަށް ވެގެންދާނެއެވެ.