ދުނިޔެ
އީރާނުގެ އޮފީސް ވަގުތު ކުރުކޮށް ގޭގައި ތިބެ މަސައްކަތްކުރުމަށް އަންގައިފި
އިރާނުގެ މަގެއް. ފޮޓޯ: އޭޕީ
އީރާނަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަމާއި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި، ހަކަތަ އިޤްތިޞާދުކުރުމުގެ ގޮތުން ސަރުކާރުގެ ރަސްމީ މަސައްކަތު ވަގުތު ކުރުކޮށް، ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމުތައް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސައިފިއެވެ.
މި ފިޔަވަޅުތަކުގެ ދަށުން ސެޕްޓެމްބަރު 23 އިން ފެށިގެން މި ހިނގާ އީރާނީ އަހަރު ނިމެންދެން (މާޗް 2027 ގެ ނިޔަލަށް) އޮފީސްތަކުގައި މަސައްކަތްކުރާ ވަގުތަކީ ހެނދުނު 8:00 އިން މެންދުރުފަހު 1:00 އަށެވެ. އަދި ބާކީ ހުންނަ ވަގުތުތަކުގައި މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ރިމޯޓްކޮށް ގޭގައި ތިބެގެންނެވެ.
ސަރުކާރުގެ އިދާރާތަކުން ހަފްތާއަކު އެއް ދުވަހު މުވައްޒަފުންނާއި އިސްވެރިން އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ބޭނުންކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އަމިއްލަ ކާރުތައް ބޭނުންކުރުން މަދުކުރުމުގެ ގޮތުން މެޓްރޯ އަދި ބީއާރްޓީ ބަހުގެ ޚިދުމަތްތައް ނޮވެމްބަރުގެ މެދަކާ ހަމައަށް ހިލޭ ލިބޭނެ ގޮތް ވަނީ ހަދާފައެވެ. މީގެ އިތުރުން، އޮފީސް ވަގުތު ނިމުމަށްފަހު ހީޓަރުތަކާއި ބޮކިތައް ނިއްވާލަން އަންގާފައިވާއިރު، ޔުނިވަރސިޓީތަކުގެ ބައެއް ކިޔެވުންތައް އޮންލައިންކޮށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ރައީސް މަސްޢޫދު ޕެޒެޝްކިއާން ވަނީ ޕެޓްރޯލާއި ކަރަންޓު އަދި ގުދުރަތީ ގޭސް ޚަރަދުތައް ކުޑަކުރުމަށްޓަކައި، މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންގަވާ ޤަރާރެއްގައި ސޮއިކުރައްވާފައެވެ. "އަޅުގަނޑުމެން މި ފެށީ ސަރުކާރުގެ ތެރެއިން ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތް،" ރައީސް މަސްޢޫދް ވިދާޅުވިއެވެ.
އީރާނުގައި ދުވާލަކު އެވްރެޖްކޮށް 122 މިލިއަން ލީޓަރުގެ ޕެޓްރޯލް އުފައްދާއިރު، ބޭނުންކުރާ މިންވަރު އުޅެނީ 132 މިލިއަން ލީޓަރުގައެވެ. މީގެ އިތުރުން، އެމެރިކާއިން އީރާނުގެ ދެކުނު ބަނދަރުތައް ބަންދުކުރުމާއި، އެމެރިކާ އަދި އިސްރާއީލުން ތެލުގެ މަރުކަޒުތަކަށް ދިން ޙަމަލާތަކުގެ ސަބަބުން ތެޔޮ އިމްޕޯޓްކުރުމަށާއި އުފެއްދުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި އެ ޤައުމުގެ ޖީޑީޕީ ވަނީ 10.1 އިންސައްތަ ދަށަށް ގޮސްފައެވެ.
އިޤްތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ސަރުކާރުން އަޅަމުންދާ މި ފިޔަވަޅުތަކަކީ ކާރިސާއިން ވަގުތީ ގޮތުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކެކެވެ. ނަމަވެސް، މިއީ ހަކަތައިގެ ދަތިކަމަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށް އެފަރާތްތަކުން ދެކެއެވެ.