ކޮލަމް
ގަދަ ހޫނާއި އަވިން ރައްކާތެރިވުމަށް ސަންސްކްރީން
އަވިން ރައްކާތެރިވުމަށް ސަންސްކްރީން ބޭނުންކުރުން.
އިރުގެ އަވިން ހަންގަނޑު ރައްކާތެރިކުރުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހަންގަނޑު ބެހެއްޓުމަށްޓަކައި ކޮންމެ މީހަކުވެސް ނުހަނު ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އިރުގެ ނުރައްކާތެރި ދޯދިތަކުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ސަންސްކްރީން ބޭނުންކުރުމެވެ. ސަންސްކްރީނަކީ އިރުގެ ނުރައްކާތެރި ދޯދިތައް ހަންގަނޑަށް އެތެރެވިޔަނުދީ ހިފަހައްޓައިދޭ އައްޑަނައެކެވެ.
ސަންސްކްރީން ބޭނުންކުރުމަކީ ހަމައެކަނި އަވިގަދަ ދުވަސްދުވަހު ކުރަންޖެހޭ ކަމެއް ނޫނެވެ. ވިއްސާރަ ދުވަސް ދުވަހުވެސް ބޭނުން ކުރެވިދާނެއެވެ. އަދި އިރުގެ އަލްޓްރާވައިލެޓް ދޯދިތައް ދުނިޔެއަށް ފޯރާތީ، ކޮންމެ ދުވަހަކުވެސް ޤަވާއިދުން ސަންސްކްރީން ބޭނުންކުރުމަކީ ހަންގަނޑު ސަލާމަތުން ބެހެއްޓުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ.
އަވީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ދުވަހުގެ ވަގުތުތަކަށް ބަލައި އަވީގައި އުޅޭ މިންވަރު މަދުކުރުން މުހިންމެވެ. އެގޮތުން، ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދުގެ ވަގުތުތަކަކީ އިރުގެ އަވި އެންމެ ގަދަވާ އަދި އަލްޓްރާވައިލެޓް ދޯދިތަކުގެ ނުރައްކާ އެންމެ ބޮޑުވާ ވަގުތުކަމަށްވާތީ، އެ ވަގުތުތަކުގައި ބޭރުގައި ގިނައިރު އުޅުން މަދުކުރަންޖެހެއެވެ. ބޭރަށް ނުކުންނަންޖެހޭ ޙާލަތްތަކުގައި، ހަށިގަނޑު ނިވާވާ ފަދަ އަލި ކުލަތަކުގެ ދޫ ހެދުން އެޅުމާއި، ކުޑަ ނުވަތަ ތޮފި ބޭނުންކޮށްގެން އަވިން ނިވާވުން ބުއްދިވެރިއެވެ. މީގެ އިތުރުން އަވިން ލޮލަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި އަވި އައިނު ބޭނުންކުރުމަކީވެސް ސިއްޙީގޮތުން ނުހަނު ފައިދާހުރި ކަމެކެވެ.
ސަންސްކްރީން ޚިޔާރުކުރާއިރު، ސަމާލުވާން ޖެހެއެވެ. ސަންސްކްރީނެއް ގަންނައިރު މަދުވެގެން އެސް.ޕީ.އެފް 15 ނުވަތަ 20 އަށްވުރެ މަތީގެ ސަންސްކްރީނެއް ޚިޔާރުކުރުން މުހިންމެވެ. ޔޫ.ވީ.އޭ އަދި ޔޫ.ވީ.ބީ ދެބާވަތުގެ ދޯދިންވެސް ރައްކާތެރިކޮށްދޭ ސަންސްކްރީން ބޭނުންކުރުމަކީ އެދެވިގެންވާގޮތެވެ. މީގެ ސަބަބުން، ހަންގަނޑު މުސްކުޅިވުމަށް މެދުވެރިވާ ދޯދިތަކުން ހަންގަނޑު ރައްކާތެރިކުރެވިގެންދާނެއެވެ. ސަންސްކްރީން އުނގުޅަންވާނީ ބޭރަށް ނުކުތުމުގެ 15 އިން 20 މިނެޓު ކުރިންނެވެ. އަދި ކޮންމެ 2 ގަޑިއިރަކުން އެއްފަހަރު، ނުވަތަ ދާހިއްލައިގެންނާއި، މޫދަށް އެރި ހަދާނަމަ އެއަށްވުރެ އަވަހަށްވެސް ސަންސްކްރީން އުނގުޅަންޖެހެއެވެ.
ހޫނުގެ ސަބަބުން ހަށިގަނޑުން ފެން މަދުވިޔަނުދިނުމަކީވެސް ހަންގަނޑުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން ދުވަހުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފެނާއި ތާޒާ މޭވާގެ ޖޫސް ފަދަ ދިޔާތަކެތި ބޭނުންކުރުން އިތުރުކުރަންޖެހެއެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު އަންހެނުން އަދި އަވީގައި ގިނައިރު މަސައްކަތްކުރާ ފަރާތްތަކުން އަވިން ރައްކާތެރިވުމަށް އިތުރަށް ސަމާލުވާންޖެހެއެވެ.
ހޫނުމިން މަތިވާ ދުވަސްވަރުގައި ސިއްޙީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަކީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަވީގެ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ޤަވާއިދުން އަޅައި، އަމިއްލަ ސިއްޙަތަށާއި އާއިލާގެ ސިއްޙަތަށް ސަމާލުކަން ދިނުމަކީ ދުޅަހެޔޮ، ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކޮންމެ ފަރުދަކަށްމެ ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ.