ކޮލަމް
ޓެކްނޮލޮޖީ - ދިރިއުޅުމުގެ ބައިވެރިއެއްތަ ނުވަތަ ގޮންޖެހުމެއްތަ؟
ޓެކްނޮލޮޖީ..ފޮޓޯ: އިންޓަނެޓް
އިންސާނީ ތާރީޚު ދެކެފައިވާ އެންމެ ހަލުވި އަދި އެންމެ ބޮޑު ބަދަލުތައް ގުޅިފައިވަނީ ޓެކްނޮލޮޖީގެ ކުރިއެރުމާއެކުގައެވެ. ދުނިޔެ ބަވަނަވެ، އެއް ފުރާޅެއްގެ ދަށަށް އައިސްފައިވާއިރު، މިއަދުގެ ދިރިއުޅުމުގެ އެކި މަރުޙަލާތަކަށް ބަލައިލުމުން ޓެކްނޮލޮޖީގެ ނުފޫޒު ފޯރާފައިވާ މިންވަރު ސާފުކޮށް އެނގިގެންދެއެވެ. ކުރީގެ ޖީލުތަކަށް އުނދަގޫ އަދި ގިނަ ވަގުތު ނަގާ ކަންކަމުގެ ގޮތުގައި ފެނުނު މުއާމަލާތްކުރުމާއި، ދަތުރުފަތުރުކުރުން ފަދަ ކަންކަން މިއަދު މިވަނީ އިނގިލި ކުރީގެ ކޮޅަށް ތިރިވެފައެވެ.
ނަމަވެސް، މި ފުރިހަމަ ބަދަލުތަކާއެކު މުޖުތަމަޢަށް އޭގެ އެދެވޭ އަދި ނޭދެވޭ އަސަރުތައްވެސް ދަނީ ފޯރަމުންނެވެ. އާންމު ދިރިއުޅުމުގެ ކަންކަމަށް ބަލާއިރު، ޓެކްނޮލޮޖީގެ ސަބަބުން އިންސާނާގެ މަސައްކަތުގެ ބުރަ ވަނީ ނުހަނު ބޮޑަށް ލުއިވެފައެވެ. ގޭތެރޭގެ ދުވަހުގެ މަސައްކަތްތައް ކަމުގައިވާ ކެއްކުމާއި، އަންނައުނު ދޮވުމާއި، ގޭތެރެ ސާފުކުރުން ފަދަ ކަންކަމުގައި ޒަމާނީ އާލާތްތައް ބޭނުންކުރަން ފެށުމުން، އެކަންކަމަށް ހޭދަވާ ވަގުތާއި ހަކަތަ ވަނީ ސަލާމަތް ކުރެވިފައެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކާއެކު، އުނގަންނައިދިނުމުގެ ނިޒާމު ވަނީ ސަރަހައްދީ އިމުން ބޭރަށް ފުޅާވެފައެވެ. މަޢުލޫމާތު ހޯދުމަށް ކުތުބުޚާނާތަކަށް ދިއުމުގެ ބަދަލުގައި، އިންޓަނެޓުގެ އެހީގައި ކޮންމެ ތަނެއްގައި ހުރެގެންވެސް އުނގެނުމުގެ ފުރުޞަތު ދަރިވަރުންނަށް މިއަދު މިވަނީ ހުޅުވިފައެވެ.
ޓެކްނޮލޮޖީއަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން ނޭދެވޭ ގިނަ މައްސަލަތަކެއްވެސް ވަނީ މުޖުތަމަޢުގައި އުފެދެން ފަށާފައެވެ. ޓެކްނޮލޮޖީގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް ލިބެނީ ހަމައެކަނި ފައިދާކަމަށް ވިސްނުމަކީ، ބޮޑު ކުށްހީއެކެވެ. އެންމެ ފުރަތަމަ، އޭގެ ސަބަބުން ކުރާ ޞިއްޚީ މައްސަލަތަކަށް ނަޒަރު ހިނގާލަމާ ހިނގާށެވެ. ޓީވީއާއި، ލެޕްޓޮޕާއި، މޯބައިލް ފޯނުފަދަ މުނިފޫހިފިލުވުމުގެ ވަޞީލަތްތަކަށް ގެއްލިފައި، މިއަދުގެ ކުޑަކުދީންނާއި ޒުވާނުން ދުވާލަކު ހޭދަކުރަނީ ކިތައް ގަޑިއިރު ހެއްޔެވެ؟ ސްކްރީނުތަކުގެ ކުރިމަތީގައި މާގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ޖިސްމާނީ ގޮތުން ސިއްޙަތަށް ނޭދެވޭ އަސަރުކޮށް، ލޮލުގެ ފެނުން ދަށްވުމާއި، ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން އުފެދޭ ސިއްޙީ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް، މީސްމީޑިއާއާއި މުނިފޫހިފިލުވުމުގެ ވަޞީލަތްތަކަށް މީހުން ދެވިހިފުމުގެ ސަބަބުން، ކިޔެވުމަށާއި އަމިއްލަ ކުރިއެރުމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، ވަގުތު ބޭކާރުވުމުގެ މައްސަލަ ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެ އިތުރުން ސްކްރީނުގެ ޒަރިއްޔާއިން މުނިފޫހި ފިލުވުމުގެ ކަންކަމުގެ ސަބަބުން ރޭގަނޑުގެ ނިދި ނަގާލައި، ދުވާޅު ހަތަރު ދަމު ނިދުމުގެ ސަބަބުން އިޖުތިމާއީ، ނަފްސާނީ، އަދި އިގްތިާދީ ގޮތުން ފަރުދުންނަށް ލިބޭ ގެއްލުންވެސް ކުޑައެއްނޫނެވެ.
ޓެކްނޮލޮޖީއަކީ، އަޅުގަނޑުމެންގެ ދުވަހހުގެ ބޭނުންތަކުގައި އަދި ތަޢުލީމު ޚާސިލްކުރުމުގައި ލުއިތަކެއް ލިއްބައިދޭ ރަޙުމަތްތެރިއަކަށް މިއަދު ވެފައިވީނަމަވެސް، އޭގެ ސަބަބުން އަދުގެ ކުޑަކުދީންނާއި ޒުވާނުން ކިޔެވުމާއި ދުރުވެ، ޞިއްޙީ މައްސަލަތަކާއި ކުރިމަތިލާންޖެހިފައިވުމުން، އެއީ ހަތުރެއް ކަމުގައި ދެކޭ މީހުންވެސް އުޅެއެވެ. ޓެކްނޮލޮޖީއަކީ އަމިއްލަޒާތުގައި ގޯސް އެއްޗަކަށް ނުވިނަމަވެސް، އޭގެ އަސަރު ބިނާވެގެންވަނީ އަޅުގަނޑުމެން އެއެއްޗެއް ބޭނުންކުރާ މިންވަރާއި، ގޮތެއްގެ މައްޗަށެވެ. ދިރިއުޅުމުގެ ފަސޭހައަކަށްޓަކައި ޓެކްނޮލޮޖީގެ ފައިދާ ހޯދާއިރު، އޭގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ރަނގަޅުގޮތުގައި މި ވަސީލަތްތައް ބޭނުންކުރުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނުވަންޖެހެއެވެ.