ދުނިޔެ
އެމެރިކާ އާއި އިސްރާއީލުގެ އުދުވާނާ ދެކޮޅަށް އދ. ގައި އަޑުއުފުލާނަން - އީރާނުގެ ރައީސް
އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން - ފޮޓޯ: އަލްޖަޒީރާ
އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކުގެ ވާހަކަ، އަންނަ އދ. ގެ އާންމު މަޖިލީހުގައި ހުށަހަޅުއްވާނެ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
ރައީސް ޕެޒެޝްކިއާން ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އީރާނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތާމަތަކާއި، އެ ދެ ޤައުމުން ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ އިތުރުން، އޭގެ ސަބަބުން އުފެދިފައިވާ އިތުބާރު ނެތުމުގެ މައްސަލަތައް އދ. ގެ ތަޅުމުގައި ފާހަގަކުރައްވާނެ ކަމަށެވެ. މީގެއިތުރުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ، މި ސަރަޙައްދުގައި އެމެރިކާ އަދި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ފުރިގެންވާ ޙަރަކާތްތަކުން މި ސަރަޙައްދު މިނިވަންވެފައިވާކަން އެ ދެ ޤައުމުން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ބުނީ، އީރާނަށް ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ފުރުޞަތު ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޢަޒުމު ކަނޑައަޅާފައިވާ ކަމަށެވެ. އަދި އީރާނުން އިޚްލާޞްތެރިކަމާއެކު އަމަލުކުރާނަމަ، މަޝްވަރާގެ މޭޒަށް އެނބުރި އައުމުގެ ދޮރު އަދިވެސް ހުޅުވިފައިވާ ކަމަށްވެސް އެމެރިކާގެ މަންދޫބު ފާހަގަކުރިއެވެ.
މި ހަމަނުޖެހުންތަކުގެ އަސަރު މުޅި ސަރަޙައްދަށް ފޯރަމުންދާއިރު، އިރާޤުގެ ބޮޑުވަޒީރު ޢަލީ އަލްޒައިދީ އެމެރިކާގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ބުނީ، ހޮރްމޫޒް ކަނޑުއޮޅިން އިރާޤުގެ ތެޔޮ ޓޭންކަރުތައް ދަތުރުކުރުމުގެ ހުއްދަ އީރާނުން ނުދޭ ކަމަށެވެ. އަދި އެމެރިކާ-އިސްރާއީލު ހަނގުރާމަ ފެށުނު ފަހުން، މި މައްސަލަތަކާ ގުޅިގެން އިރާޤުގެ ޢާމްދަނީން 60 ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށްވެސް ބޮޑުވަޒީރު ހާމަކުރިއެވެ.