ދުނިޔެ

އީރާނުގެ ރައީސް ޕާކިސްތާނުގެ ދާޚިލީ ވަޒީރާ ބައްދަލުކުރައްވައިފި

އީރާނުގެ ރައީސް ޕާކިސްތާނުގެ ދާޚިލީ ވަޒީރާ ބައްދަލުކުރައްވައިފި

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙައްމަދު މުޙްސިން ނަޤްވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2026، 06:32

22 ސެޕްޓެމްބަރު 2026، 06:32

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި، ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ޕާކިސްތާނާއި ގަތަރުން މަސައްކަތް ކުރަމުން ދަނިކޮށް، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙައްމަދު މުޙްސިން ނަޤްވީއާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހު ނަޤްވީ އީރާނުގެ ވެރިރަށަށް ކުރެއްވި މި ދަތުރުފުޅަކީ، ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އޭނާ އެ ޤައުމަށް ކުރެއްވި ހަވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅު މި ކުރެއްވީ އެމެރިކާއިން އީރާނަށް އައު ހަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބިފައިވާ ކަމަށް ތެހެރާނުން ބުނިތާ އެއް ދުވަސް ފަހުންނެވެ.

ނަޤްވީއާ ވާހަކަދައްކަވަމުން ރައީސް ޕެޒެޝްކިއާން ވިދާޅުވީ، ތެހެރާނާއި އިސްލާމްއާބާދާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަޤްވީވެސް ވަނީ ދެ ޤައުމުގެ ގުޅުމަށް ތަޢުރީފު ކުރައްވައި، ތާރީޚުގައިވެސް ދެ ޤައުމުގެ ގުޅުން މިހާ ވަރުގަދަވި ދުވަސްވަރެއް ނާންނަ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވަނީ އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގެންފައެވެ. ގަތަރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު މަޖިދު އަލް-އަންޞާރީ ވިދާޅުވީ، ޕާކިސްތާނާ ގުޅިގެން ތެހެރާނާއި ވޮޝިންޓަނާ ދެމެދު އެއްބަސްވުމަކަށް އައުމަށް ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނާ މެދު އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމު ނައްތާލުން، އިޤްތިޞާދީ ގޮތުން ހަލާކުކޮށްލުން ނުވަތަ އެއްބަސްވުމަކަށް އައުން ހިމެނޭ ކަމަށެވެ. އަދި އީރާނުގެ އިސް ސަލާމަތީ އޮފިޝަލް މުޙްސިން ރިޒާއީ ވަނީ، މަޝްވަރާތައް އަލުން ފެށުމަށް ޝަރުތުތަކެއް އެމެރިކާއަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450