ދުނިޔެ

މައްކާއަށް ހޫޘީން ހަމަލާދޭން މަސައްކަތް ކުރާ މައްސަލަ ސައުދީ ރަސްގެފާނު ކުށްވެރިކުރައްވައިފި

މައްކާއަށް ހޫޘީން ހަމަލާދޭން މަސައްކަތް ކުރާ މައްސަލަ ސައުދީ ރަސްގެފާނު ކުށްވެރިކުރައްވައިފި

ސަޢުދީ ރަސްގެފާނު ސަލްމާން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2026، 11:39

23 ސެޕްޓެމްބަރު 2026، 11:39

ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތަކީ "ޓެރަރިސްޓް މިލީޝިއާއެއް" ކަމަށް ސިފަކުރައްވައި، މުސްލިމުންގެ މާތްވެގެންވާ މައްކާއަށް އެ ޖަމާއަތުން ތަކުރާރުކޮށް އަމާޒުކޮށް ހަމަލާދޭން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. 

ސައުދީ ރަސްމީ ނިއުސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީ ރަސްގެފާނު މިހެން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅޭ ކަމަށް ބެލެވޭ ހަމަލާތަކަކީ "ނުބައިކަން  ބޮޑު ޖަރީމާއެއް" ކަމަށާއި، އެއީ މުޅި ދުނިޔޭގެ މުސްލިމުންގެ ޝުއޫރުތަކާ ކުޅެލުން ކަމަށެވެ. މީގެ އިތުރުން ގައުމު ދިފާއުކޮށް، މާތްވެގެންވާ ބިންތަކާއި، ހައްޖުވެރިންނާއި އަދި އެ ގައުމުގައި ދިރިއުޅޭ މީހުން ރައްކާތެރިކުރުމުގައި ސައުދީ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ރަސްގެފާނު ވަނީ ތައުރީފު ކުރައްވާފައެވެ. ސައުދީ އަރަބިއްޔާއިން ވޭތުވެދިޔަ ހަފްތާގައި ބުނެފައިވަނީ މައްކާއާ ދިމާލަށް ހޫޘީން ފޮނުވާލި ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް ހޫޘީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫޘީ ވަނީ މިއީ ބޮޑު ދޮގެއް ކަމަށް ބުނެ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ހޫޘީންގެ މިސައިލާއި ޑްރޯން ހަމަލާތައް ސައުދީގެ އެކި ސިޓީތަކަށާއި، ހަކަތައިގެ އިންފްރާސްޓްރަކްޗަރ އަދި ކަނޑު ދަތުރުފަތުރަށް އަމާޒުވަމުންދާއިރު، މިދިޔަ ހޮނިހިރު ދުވަހު ވެސް ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ސަރަހައްދަކާ ދިމާލަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ވައްޓާލާފައެވެ.

ސަރަހައްދީ ހަމަޖެހުމާއި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީއާ ބައްދަލުކުރައްވާފައިވާއިރު، ރަސްގެފާނު ސަލްމާން ވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާ ވެސް މަޝްވަރާ ކުރައްވާފައެވެ. ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން މިދިޔަ މަހު ވަނީ ގުޅިފައިވާ ދިފާއީ އެއްބަސްވުމެއް ކަމަށްވާ 'މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް' ގައި ސޮއިކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450