ދުނިޔެ
ފަލަސްތީނުގެ މިނިވަންކަމުގެ ހައްޤުގައި ތުރުކީ އޮތީ ސާބިތުކަމާއެކު: ރައީސް އުރުދުޣާން
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން. ފޮޓޯ: އޭއެފްޕީ
އެމެރިކާއިން ވިސާ ނުދިނުމުގެ ސަބަބުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް، މިނިވަން މުސްތަޤިއްލު ފަލަސްތީނެއްގެ ހައްޤުގައި ވަކާލާތުކޮށް އަޑުއުފުލުމުގައި ތުރުކީވިލާތް އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ ޤައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ރައީސް އުރުދުޣާން ވަނީ ފަލަސްތީނުގެ ވެރިންނަށް ބައިނަލްއަޤްވާމީ މިފަދަ މުހިންމު މަންސަތަކުގައި ބައިވެރިވުމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އައްބާސް ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވުނު ކަމުގައި ވިޔަސް، އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ އަޑު ދުނިޔެއަށް އިއްވައިދިނުމުގެ ޒިންމާ ތުރުކީވިލާތުން ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، އުރުދުޣާންގެ ތަޤުރީރުގައި ވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޣައްޒާގެ ހާލަތަކީ ފަހުގެ ތާރީޚުގައި އިންސާނިއްޔަތު ދުށް އެންމެ ލަދުވެތި މަންޒަރު ކަމަށް ސިފަކުރައްވައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް 1،300 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އުރުދުޣާން އިތުރަށް ވިދާޅުވީ، ދުނިޔޭގެ ސުލްހަ ބަލަހައްޓަން އޮތް އދ. އޮތީ މިފަދަ ބޮޑެތި މައްސަލަތަކުގައި ނުކުޅެދިފައި ކަމަށާއި، ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމައުގެ ފިއްތުންތަކާއެކުވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި ތުރުކީވިލާތުން ފަސްނުޖެހޭނެ ކަމަށެވެ.