ދުނިޔެ
ޑިޕްލޮމެސީ އިސްކުރުމަށް ގަތަރުގެ އަމީރު ގޮވާލައްވައިފި
ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ. ފޮޓޯ: އީޕީއޭ
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގަލްފުގެ ސަރަހައްދު އޮތީ ތާރީޚުގައި ވެސް އެންމެ ނުރައްކާތެރި އެއް ފައްތަރުގައި ކަމަށާއި، މި މައްސަލަ ހައްލުކުރެވެން އޮތީ ޑިޕްލޮމެސީގެ މަގުން ކަމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން އަމީރު ވަނީ ގަތަރަކީ އިތުބާރު ހިފޭ މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެއްކަން އަލުން ތަކުރާރުކުރައްވާފައެވެ.
އަމީރު ޝެއިޚް ތަމީމް ވިދާޅުވީ ޑިޕްލޮމެސީގެ ޒަރީއާއިން އީރާން ހިމެނޭހެން މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި ހަނގުރާމައަކުން ސަލާމަތްވުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅި ކަނޑު ދަތުރުފަތުރަށް އަލުން ހުޅުވާލުމާއެކު، ސިޔާސީ މަޝްވަރާތަކުން މައްސަލަ ހައްލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގަތަރުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގައި ދެމިއޮންނަ ހާލު، ސަރަހައްދީ ހަމަނުޖެހުންތައް ޑިޕްލޮމެސީގެ މަގުން ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އަމީރުގެ ވާހަކަފުޅުގައި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހިންގަމުންދާ އުދުވާނުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.
ޣައްޒާގައި ހިނގަމުން އެދަނީ ހުރިހާ މާނައެއްގައި ވެސް ގަތުލުއާންމެއް، ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަނެވިފައިވާހާ ހިނދަކު ބައިނަލްއަގުވާމީ އަދުލުވެރި ނިޒާމެއްގެ ވާހަކަ ނުދެއްކޭނެ.
ޝެއިޚް ތަމީމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ލުބުނާން، ސޫދާން، ލީބިޔާ އަދި ޔަމަނުގެ ސިޔާދަތާއި އެއްބައިވަންތަކަން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ގަތަރުން ތާއީދުކުރާ ކަމަށް ވިދާޅުވިއެވެ.
ގާތްގަނޑަކަށް ހަތް މަސް ދުވަސް ވެފައިވާ މި ހަނގުރާމައިގެ ސަބަބުން ގަލްފުގެ އިގުތިސާދީ މައި ނާރުތަކަށް ބޮޑެތި ނުރައްކާތަކާ ވަނީ ކުރިމަތިވެފައެވެ. މި ހަނގުރާމަ ފެށިގެން ދިޔައީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ހިނގަމުން ދަނިކޮށް، ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާއާއި އިސް އޮފިޝަލުން އަދި ގިނަ އަދަދެއްގެ އާންމުން މަރުވުމާ ގުޅިގެން އީރާނުން ވެސް ވަނީ ގަލްފުގެ އެކި ގައުމުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ.