ދުނިޔެ
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އާންމުން ހާލުގައި ޖެހެނީ
ޔަމަނުގެ އާއްމު ރައްޔިތުން. ފޮޓޯ: އަލް ޖަޒީރާ
ޔަމަނުގައި ހުއްޓުމެއްނެތި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އެތައް ހާސް އާންމުންނެއް ގެދޮރު ގެއްލި މަގުމަތިވެ، ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
ޔުނިވަރސިޓީ އޮފް ސަބާ ރީޖަންގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށްވާ އިބްރާހީމް އަލް-ޙޫރީ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ހިނގަމުންދާ ހަނގުރާމައިގެ އެންމެ ހާލުގައި ޖެހި، ތަހައްމަލު ކުރަން ޖެހިފައިވަނީ ކުށެއްނެތް އާންމު ރައްޔިތުން ކަމަށެވެ. އެގޮތުން ޔަމަނުގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުތަކުން އެތައް ސަތޭކަ އާއިލާއަކަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށާއި، އެ މީހުންނަށް ގެންދެވުނީ ހަމައެކަނި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ މަދު ސާމާނުކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލް-ޙޫރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މީހުންގެ ގެދޮރާއި، ދަނޑުބިންތަކުގެ އިތުރުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތައް އެއްކޮށް ގެއްލި ދިއުމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި މާޔޫސްކަމަކާއި ހިތާމަތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ގެދޮރު ގެއްލުނު ގިނަ ބަޔަކު މިހާރު ހިމާޔަތް ހޯދަމުން ދަނީ އިންތިހާއަށް ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކުންނެވެ. މި ކޭމްޕުތަކަކީ މިހާރުވެސް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ފާޚާނާ އަދި ސިއްހީ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރި ތަންތަނެވެ.
އދ. އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމުގެ އެތެރޭގައި 130،000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.
މީގެ އިތުރުން، ފުރާނައިގެ ސަލާމަތްތެރިކަން ހޯދުމަށްޓަކައި 3،000 އެއްހާ މީހުން ވަނީ ކަނޑު މަގުން ޖިބޫޓީ އަދި ސޯމާލިއާ ފަދަ އަވަށްޓެރި ގައުމުތަކަށް ހިމާޔަތް ހޯދަން ގޮސްފައެވެ. މި ދަތުރުތައް އެ މީހުން ކުރަމުންދަނީ އާދައިގެ ކުދި ބޯޓުފަހަރުގައި، ފުރާނައަށް އިންތިހާއަށް ނުރައްކާވާ ހާލަތްތަކުގައި ކަމަށްވެސް އަލް-ޙޫރީ ވަނީ ބަޔާންކުރައްވާފައެވެ.