ދުނިޔެ

އިސްރާއީލުގެ ޖަލުތަކުގައި ފަަލަސްތީން ކުދިންނަށް ކުރާ އަނިޔާތައް ހާމަވެއްޖެ

އިސްރާއީލުގެ ޖަލުތަކުގައި ފަަލަސްތީން ކުދިންނަށް ކުރާ އަނިޔާތައް ހާމަވެއްޖެ

އިސްރާއިލް ސިފައިންގެ ދެމީހަކު ފަލަސްޠީނުގެ ކުއްޖަކު ހައްޔަރުކޮށްގެން ގެންދަނީ. ފޮޮޓޯ: ގެޓީ އިމޭޖްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2026، 05:55

23 ސެޕްޓެމްބަރު 2026، 05:55

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ކުޑަކުދިންނަށް ބޮޑެތި އަނިޔާތަކާއި ލާއިންސާނީ އަމަލުތަކާ ކުރިމަތިލާންޖެހިފައިވާ ކަމުގެ ކަންބޮޑުވުންތައް އާއިލާތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހާމަކޮށްފިއެވެ.

 ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް އިސްރާއީލުން ހައްޔަރުކުރާ ކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި ބޭސްފަރުވާއިން މަހުރޫމުކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ހިފާފައިވާ އިރުމަތީ ގުދުސްގެ ޝުއުފާތު ރެފިއުޖީ ކޭމްޕަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ މުހައްމަދު ޒަލަބާނީގެ މަންމަ، ފިދާއު ޒަލަބާނީ ބުނި ގޮތުގައި، އޭނާގެ ދަރިފުޅު އުމުރުން 13 އަހަރުގައި ހައްޔަރުކުރި ފަހުން ތިން އަހަރު ވެފައިވާއިރު، ވޭތުވެދިޔަ ދެ އަހަރު ދުވަހު އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު އިސްރާއީލުން ދީފައެއް ނުވެއެވެ.

މެގިއްދޯ ޖަލުގައި ހައްޔަރުކޮށްފައި ހުރި މުހައްމަދު ހިމެނޭހެން އެހެން ކުދިންނަށް ކާންދެނީ ނުހަނު މަދުން ކަމަށާއި، 13 ގައިދީންނަށް ދެނީ އެންމެ ހަތަރު ފޮތި ޕާން ކަމަށް ވަކީލުންނާ ހަވާލާދީ ފިދާއު ހާމަކުރިއެވެ. އަދި ޖަލުތަކުގައި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން  ގައިންގަޔަށް އަރާ ބަލިތައް ފެތުރިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ހުޅަނގު އައްމޭރުގެ ތައްމޫންއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އޯލާ ގަތީޝާތުވެސް ވަނީ މިއަހަރުގެ މެއި މަހު ސަބަބެއް ސާފުނުކޮށް ހައްޔަރުކޮށްފައެވެ. އޭނާގެ ދައްތަ އާސިޔާ ބުނި ގޮތުގައި، ދާމޫން ޖަލުގައި ހުރި އޯލާއަށްވެސް ނުރައްކާތެރި ހަމުގެ ބައްޔެއްގެ އަސަރުކޮށްފައިވާއިރު، ފެންވެރުމަށް ޖަލު ބަލަހައްޓާ ފަރާތްތަކުން ދެނީ އެންމެ ފަސް މިނެޓުގެ ވަގުތުކޮޅެކެވެ.

އަދާލާ ލީގަލް ސެންޓަރުގެ ވަކީލު ލުބްނާ ތޫމާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ކުޑަކުދިން ބައިތިއްބަނީ ދުނިޔެއާ މުޅިން ވަކިކޮށް އެކަހެރިކޮށެވެ. ވަކީލުންނާ ބައްދަލުކުރަން ގެންނަ ވަގުތުވެސް ކުދިންގެ ލޯމަތީގައި ފޮތިގަނޑު އަޅުވައި މަންޒަރު ނުފެންނަ ގޮތް ހަދައެވެ.

"މި އުސޫލުގެ ދަށުން ފަލަސްތީނުގެ ކުޑަކުދިންނާ މެދު ދެކެނީ އަދަބު ދޭންޖެހޭ ގައިދީންގެ ގޮތުގައެވެ. ހައްގުތަކާއި ހިމާޔަތް ލިބެންޖެހޭ ކުޑަކުދިންގެ ގޮތުގައެއް ނޫނެވެ،" ލުބްނާ ވިދާޅުވިއެވެ.

ބައިތު ފައްޖާރުން ހައްޔަރުކޮށް 16 މަސް ދުވަހު ޝަރީއަތަކާ ނުލައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލި އުމުރުން 16 އަހަރުގެ މުއީން ސަލާހާތުގެ ބައްޕަ ގައްސާން ބުނި ގޮތުގައި، ޖަލުން ދޫކޮށްލި ނަމަވެސް މުއީން އަދިވެސް އުޅެނީ ޖަލުގައި ކުރި އަނިޔާތަކުގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއްގައެވެ. ކުޑަކުދިން ތިބޭ ގޮޅިތަކަށް ސިފައިން ވަދެ ކަރުނަގޭސް ޖެހުމާއި ބޭސްފަރުވާ ނުދިނުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށާއި ވިސްނުމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.

ޑިފެންސް ފޮރ ޗިލްޑްރަން އިންޓަނޭޝަނަލް - ޕަލަސްތީނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލުން ބަންދުކުރި ކުދިންގެ ތެރެއިން 74 އިންސައްތަ ކުދިންނަށް އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ލިބިފައިވެއެވެ.

7 އޮކްޓޯބަރު 2023 ގެ ފަހުން ހުޅަނގު އައްމޭރުން އެކަނިވެސް 1,900 އެއްހާ ކުޑަކުދިން ހައްޔަރުކޮށްފައިވާއިރު، މިހާރުވެސް 360 އަށްވުރެ ގިނަ ކުދިން އިސްރާއީލުގެ ޖަލުތަކުގައި ތިބި ކަމަށް ރެކޯޑުތަކުން ދައްކައެވެ. ކުޑަކުދިންގެ ހައްގުތަކާ ބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި މި އަނިޔާތަކުގެ ސަބަބުން އެ ކުދިންގެ މުޅި އުމުރަށް ދެމިގެންދާ ފަދަ ނަފްސާނީ މައްސަލަތައް ކުރިމަތިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450