ކޮލަމް

ބޮލުން އިސްތަށިފައިބާތަ؟ ވިޓަމިން ޑީ މަދުވީކަމަށްވެދާނެ

ބޮލުން އިސްތަށިފައިބާތަ؟ ވިޓަމިން ޑީ މަދުވީކަމަށްވެދާނެ

ބޮލުން އިސްތަށި ފޭބުން، ގިނަ ބަޔަކު ތަހައްމަލް ކުރަމުންދާކަމެެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2026، 06:18

23 ސެޕްޓެމްބަރު 2026، 06:18

ހުލާސާ


އިންސާނާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށްޓަކައި ލޭގައި ވިޓަމިން ޑީ ވަކި މިންވަރަކަށް ހުންނަންޖެހޭއިރު، މި މިންވަރަށްވުރެ ދަށްވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއް ބިލިއަނަށް ވުރެ ގިނަ މީހުން ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފިއެވެ.

ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ލޭގައި ވިޓަމިން ޑީ ހުންނަންޖެހޭ މިންވަރަށް ވުރެ ދަށްވެއްޖެނަމަ، 'ވިޓަމިން ޑީ ޑެފިޝެންސީ' ނުވަތަ ވިޓަމިން ޑީ މަދުވުމުގެ ސިއްހީ މައްސަލަ ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ކަށިތަކާއި މަސްތަކުގެ ވަރުދެރަވެ، ކަށި ފީވުމާއި މަސްތަކުގައި ރިއްސުން ފަދަ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހެއެވެ.

ދުނިޔޭގެ ފެންވަރުގައި މިހާރު މި މައްސަލައަކީ ވަރަށް އާންމު އަދި ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުން އަންނަ މައްސަލައެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގެ އާބާދީގެ ތެރެއިން އެއް ބިލިއަން މީހުން މިހާރުވެސް ދަނީ މި މައްސަލަ ތަހައްމަލު ކުރަމުންނެވެ. މިކަން މިހެން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް އަވީގެ އަސަރު ނުލިބުމާއި، ކެއިންބުއިމުގައި ވިޓަމިން ޑީ އެކުލެވޭ ބާވަތްތައް މަދުވުން ހިމެނެއެވެ.

ނަމަވެސް، އުފާވެރި ޚަބަރަކީ މިއިން ރައްކާތެރިވުމާއި ފަރުވާ ހޯދުމަކީ ފަސޭހަ ކަމެއްކަމެވެ.

ވިޓަމިން ޑީ މަދުވުމުގެ އަލާމާތްތަކަކީ ކޮބާ؟

ގިނަ ފަހަރަށް ވިޓަމިން ޑީ މަދުވުމުން އެއްވެސް އަލާމާތެއް ނުފެނިދާނެއެވެ. އެހެންކަމުން، މި އަލާމާތްތައް ދެނެގަންނަން އުނދަގޫވުމުގެ ސަބަބުން، ގިނަ ފަހަރަށް މީހާއަށް އެކަން ނޭނގި މި މައްސަލަ ތަހައްމަލު ކުރަންޖެހެއެވެ. އަލާމާތްތައް ފެންނަ ހާލަތްތަކުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހިމެނިދާނެއެވެ.

  •  ތަކުރާރުކޮށް އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ އަދި އެކި ބަލިތައް ޖެހުން.
  •  އާދަޔާ ޚިލާފަށް ވަރުބަލިވުމާއި ގައިގެ ވަރުދެރަވުން.
  • ކަށިތަކުގައާއި ބުރަކަށީގައި ރިއްސުން.
  •  ޑިޕްރެޝަން (މާޔޫސްވުން).
  •  ފާރުގަނޑުތައް ފަސޭހަވުން ލަސްވުން.
  •  ކަށީގެ އޮނިގަނޑު ދެރަވުމާއި ކަށި ފީވުން (އޮސްޓިއޯޕޮރޯސިސް).
  •  އިސްތަށި ފޭބުން.
  •  މަސްތަކުގައި ރިއްސުން.
  • ބަރުދަން އިތުރުވުން.
  •  ހާސްކަމާއި ކަންބޮޑުވުން.

ވިޓަމިން ޑީ މަދުވާން މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟

ވިޓަމިން ޑީ މަދުވުމަށް މެދުވެރިވާ އާންމު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ކާބޯތަކެތިން އެކަށީގެންވާ މިންވަރަށް ވިޓަމިން ޑީ ނުލިބުން.
  •  އިރުގެ އަތްވަށް އެކަށީގެންވާ ވަރަށް ހުށަނޭޅުން.
  •  އަބަދު އަދި މާގިނައިން ސަންސްކްރީން ބޭނުންކުރުން.    

ވިޓަމިން ޑީ މަދުވުމުގެ ފުރުސަތު ބޮޑީ ކޮން ބަޔަކަށް؟

 ބައެއް މީހުންނަށް ވިޓަމިން ޑީ މަދުވުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ހިމެނެނީ:-

 ހަމައެކަނި މައިމީހާގެ ކިރު ބޯ ތުއްތު ކުދިން؛ ސަބަބަކީ މައިމީހާގެ ކިރުގައި ވިޓަމިން ޑީ އެކުލެވޭ މިންވަރު މަދުވުމެވެ. ކުއްޖާއަށް ހަމައެކަނި ގާތުން ދޭނަމަ، ދުވާލަކު 400 އިންޓަނޭޝަނަލް ޔުނިޓް  ގެ ވިޓަމިން ޑީ ދިނުމަށް ޑޮކްޓަރުން ގިނައިން ލަފާދެއެވެ.

 ދޮށީ އުމުރުގެ މީހުން؛ އެއީ ކުރިއެކޭ އެއްފަދައިން އެމީހުންގެ ހަމުން ފުރިހަމައަށް ވިޓަމިން ޑީ އުފައްދައިނުދިނުމާއި، ވިޓަމިން ޑީ އޭގެ ހަރަކާތްތެރި (އެކްޓިވް) ބަޔަށް ބަދަލުކުރުމުގެ ކުޅަދާނަކަން ގުރުދާއަށް ކުޑަވުމުގެ ސަބަބުންނެވެ.

 ކަޅު ހަންގަނޑެއް ހުންނަ މީހުން؛ ސަބަބަކީ ހަންގަނޑު އަނދިރިވުމުން އިރުގެ އަލިން ވިޓަމިން ޑީ އުފެއްދުމަށް ހަށިގަނޑަށް ލިބޭ މިންވަރު މަދުކޮށްދޭތީއެވެ.

 ކާނާއިން ވިޓަމިން ޑީ ހަށިގަނޑަށް ނެގުމަށް (އެބްޒޯބްކުރުމަށް) ހުރަސްއަޅާ ހަޖަމުގެ ނިޒާމުގެ ބަލިތައް ތަހައްމަލުކުރާ މީހުން؛ މިސާލަކަށް ކްރޯންސް ޑިޒީޒް، ސީލިއެކް ޑިޒީޒް، އަދި އަލްސަރޭޓިވް ކޮލައިޓިސް ފަދަ ބަލިތަކެވެ.

 މާބޮޑަށް ފަލަ މީހުން؛ އެއީ އެމީހުންގެ ހަށިގަނޑުގައި ހުންނަ ސަރުބީ ވިޓަމިން ޑީއާ ގުޅި، ލޭގެ ތެރެއަށް އެ ވާސިލުވުމަށް ހުރަސްއަޅާތީއެވެ.

 ބަނޑު ހިންދުމުގެ ސާޖަރީ (ގެސްޓްރިކް ބައިޕާސް) ހަދާފައިވާ މީހުން، ގުރުދާ ނުވަތަ ފުރަމޭގެ ދާއިމީ ބަލިތައް ހުންނަ މީހުން، ހަށިގަނޑުގެ ތެރޭގައި ވިޓަމިން ޑީ ނެގުމަށް ނުވަތަ ބަދަލުވުމުގެ ނިޒާމަށް އަސަރުކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން މިސާލަކަށް ކޮލެސްޓްރޯލް، ފިޓުޖެހުން، އަދި ބަރުދަން ލުއިކުރާ ބޭސްތަކެވެ.

މަތީގައި ބަޔާންކުރެވުނު އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ޑޮކްޓަރު ވިޓަމިން ޑީގެ ލެވެލް ބެލުމަށް ލޭގެ ޓެސްޓެއް ހެދުމަށް އަންގާނެއެވެ. މި ޓެސްޓަށް '25-ހައިޑްރޮކްސީވިޓަމިން ޑީ' (25-Hydroxyvitamin D) ޓެސްޓް ވެސް ކިޔައެވެ. އަދި ޓެސްޓުގެ ނަތީޖާ 12 ނެނޯގްރާމް/މިލިލީޓަރަށް ވުރެ ދަށްވެއްޖެނަމަ، އެއީ ވިޓަމިން ޑީ މަދުވުން ކަމަށް ބެލެވެއެވެ.

އާންމު ގޮތެއްގައި ވިޓަމިން ޑީ މަދުވުމަށް ފަރުވާކުރަނީ، މީހާގެ ވިޓަމިން ޑީ މަދުވެފައިވާ މިންވަރަށް ބަލައި ޑޮކްޓަރު ދެއްވާ ވިޓަމިން ޑީ ސަޕްލިމެންޓް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، ވިޓަމިން ޑީ ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމަށް ލަފާދެއެވެ.އޭގެ ތެރޭގައި:

  •  ތެޔޮ ގިނަ މަސް (ފެޓީ ފިޝް).
  • ބިހުގެ ގޮބޮޅި.
  •  ވިޓަމިން ޑީ އިތުރުކޮށްފައިވާ ހެނދުނުގެ ނާސްތާގެ ސީރިއަލް (ފޯޓިފައިޑް ސީރިއަލް).
  •  ވިޓަމިން ޑީ އިތުރުކޮށްފައިވާ ކިރާއި ޖޫސް.
  • ޔޯގަޓް   

ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ފެންނަ ގިނަ ޢަލާމާތްތައް އަހަރެެމެންގެ ތެރެއިން ގިނަ ބައެއްގެ ކިބައިން ފެންނައިރު މިކަންކަމަށް ޙައްލުހޯދުމަށް ޑޮކްޓަރުންގެ ލަފަޔާ އިރުޝާދު ހޯދައި އެ އިރުޝާދުތަކަށް ޢަމަލުކޮށް އެކަންކަމަށް ފަރުވާހޯދަން އަވަސްވުމަކީ އެންމެ ރަނގަޅުގޮތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450