ދުނިޔެ

ބަދަލުހިފުމަށް، ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި

ބަދަލުހިފުމަށް، ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި

އަފްޣާނިސްތާނުގެ ކޮސްތޯ އަވަށް. ފޮޓޯ:އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2026، 02:56

24 ސެޕްޓެމްބަރު 2026، 02:56

ޑްރޯން ރައްކާކުރުމަށާއި ފޮނުވުމަށް ބޭނުންކުރާ އަފްޣާނިސްތާނުގެ 10 ސަރަހައްދަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުކުރި ތަންތަނަކީ ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ހަމަލާދިނުމަށް ޑްރޯން ބޭނުންކުރި މަރުކަޒުތަކެކެވެ.

ބުރާސްފަތި ދުވަހު މި ހަމަލާތައް ދީފައިވަނީ ހަނގުރާމަވެރި ޖަމާއަތްތަކުން ޕާކިސްތާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ސޯޝަލް މީޑިއާގައި ވިދާޅުވީ، މިއީ ޕާކިސްތާނަށް ހަމަލާދޭ އަސްކަރީ އަމާޒުތަކަށް ވަރަށް ބަލައިގެން ދީފައިވާ ރައްދު ހަމަލާތަކެއް ކަމަށާއި، ބުދަ ދުވަހު ޕާކިސްތާނުގެ ސަރަހައްދަށް ޑްރޯންތަކެއް ވަނުމަކީ ޤައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.

އަފްޣާނިސްތާނުގެ ހޫސްތު ޕްރޮވިންސްގެ ތަރުޖަމާނު މުސްތަޣްފިރު ގުރުބާޒް ވިދާޅުވީ ޕާކިސްތާނުގެ ވައިގެ ހަމަލާތައް އެ ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކަށް އަމާޒުވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. މީގެއިތުރުން ދެކުނު އަފްޣާނިސްތާނުގެ ކަންދަހާރު ސިޓީގެ މެދުތެރެއަށް ވެސް ހަމަލާއެއް އަރައި ބޮޑު ގޮވުމަކާއެކު އަލިފާން ރޯވި ކަމަށް އެ ސަރަހައްދުގެ ރައްޔިތުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އިސްލާމްއާބާދުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ދަނީ ޕާކިސްތާނާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ހިމާޔަތް ދެމުންނެވެ. ނަމަވެސް ތާލިބާން ސަރުކާރުން މި ތުހުމަތުތައް ދޮގުކޮށް، ބުދަ ދުވަހު ޕާކިސްތާނަށް ޑްރޯން ހަމަލާއެއް ފޮނުވާފައި ނުވާނެ ކަމަށާއި މިއީ ޕާކިސްތާނުގެ އެތެރޭގެ މައްސަލައެއް ކަމަށް ބުނެފައިވެއެވެ.

މި ހަމަލާތަކުގެ ސަބަބުން ޗައިނާ، ތުރުކީ، ގަތަރު އަދި ސައުދީ އަރަބިއްޔާ އިސްވެ ދެ ޤައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ވޭތުވެދިޔަ ހަފްތާގައި ޕާކިސްތާނުގެ ފުލުހުންގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި 21 މީހުން މަރުވުމާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި ގާތްގަނޑަކަށް ތިން މަސްދުވަހަށް ފަހު އަނެއްކާވެސް ވަނީ ހަނގުރާމައިގެ ހުޅުރޯވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450