ކޮލަމް
ކެއުމުގައި މުރަނގަފަތް ހިމަނަންވީ ކީއްވެ؟
މުރަނގަ ފަތުން ސިއްހަތަށް ގިނަ ފައިދާތަކެއް ލިބިގެންދޭ.
މުރަނގަފަތަކީ ދިވެހިންގެ ކެއިންބުއިމުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ، އަދި ސިއްޙީ ގޮތުން ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ ފަތެކެވެ. ސައިންސާއި ސިއްޙީ މާހިރުންގެ ދިރާސާތަކުން ދައްކާ ގޮތުގައި މުރަނގަފަތަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. މުރަނގަފަތުގައި ގިނަ އަދަދަކަށް ވިޓަމިން-އޭ އެކުލެވިގެންވެއެވެ.
ވިޓަމިން-އޭ އަކީ ހަށިގަނޑުގައިވާ ތެތްދުލިފަށަލަތަކަށް ލިބޭ ގެއްލުންތައް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކުރުމަށާއި، ލޮލުގެ ފެނުން ސާފުކޮށް ބެހެއްޓުމަށާއި، ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްވެސް މުރަނގަފަތް މުހިންމު ދައުރެއް އަދާކުރެއެވެ. ސިއްޙީ ދިރާސާތަކުން އެނގޭ ގޮތުގައި މުރަނގަފަތުގައި ހުންނަ އެންޓިބެކްޓީރިއަލް އަދި އެންޓިއޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައިވާ ޖަރާސީމުތައް ނައްތާލުމަށް އެހީތެރިވެދެއެވެ.
މިއީ ބަރުދަން ލުއިކުރުމަށާއި، ލޭ ދައުރުވުން ހަރުދަނާކުރުމަށާއި، ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ބެހެއްޓުމަށްވެސް ވަރަށް ފައިދާހުރި ފަތެކެވެ. މީގެ އިތުރުން ލޭގައި ކޮލެސްޓްރޯލްގެ މިންވަރު ކޮންޓްރޯލްކޮށްދީ، އުމުރުން ދުވަސްވުމުން ދިމާވާ ސިއްޙީ އުދަނގޫތަކުން ރައްކާތެރިކޮށްދެއެވެ. ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްދިނުމުގައި މުރަނގަފަތް ބޮޑު އެހީއަކަށްވާއިރު، މިއީ ހަންގަނޑުގެ ރީތިކަން ދަމަހައްޓައި، ހަންގަނޑު އޮމާންކޮށް މަޑުކޮށްދޭ އެއްޗެކެވެ.
މޫނުގައި އޮށާޅަ ނެގުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އިތުރުން، ހަށިގަނޑުގެ ހޯމޯންތަކުގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށްވެސް މުރަނގަފަތުން އެހީތެރިވެދެއެވެ. މީގެއިތުރުން، ބަނޑުގައި ހެދޭ ފާރުތައް ފަސޭހަކުރުމަށާއި، ހަށިގަނޑުގެ ދުޅަތައް ތިރިކުރުމަށް މުރަނގަފަތް އެހީވެއެވެ. އަދި ހުޅުތަކުގެ ރިހުންތަކަށް ލުއިކަން ހޯދައިދީ، ތަފާތު އެކި ބަލިތަކުން ހަށިގަނޑު ދިފާޢުކުރުމުގައި މުރަނގަފަތަކީ ކެއުމުގައި ހިމަނާލުން ވަރަށް މުހިންމު އެއްޗެކެވެ.