ދީން
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބެނީ ފުރިހަމަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުޠުބާ
އިސްލާމީ މަރުކަޒުގައި ހުކުރު ކުރަނީ - ފޮޓޯ: ޕީއެސްއެމް
ދުނިޔެވީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް ލިބުނު ކަމުގައި ވިޔަސް، އިންސާނާއަށް ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބޭނީ ފުރިހަމަ ޢަޤީދާގެ މަތީގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ފާހަގަކުރެއްވި ގޮތުގައި، މާތް ﷲ އަޅަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިޢުމަތަކީ ފުރިހަމަ ޢަޤީދާގެ ނިޢުމަތެވެ. އަދި ފުރިހަމަ ޢަޤީދާއަކީ މުސްލިމެއްގެ އެންމެހައި އަޅުކަންތަކާއި، ހެޔޮ ޢަމަލުތަކުގެ އިތުރުން ދުނިޔެއާއި އާޚިރަތުގައި އެންމެހައި ކަންކަން ބާއްޖަވެރިކޮށްދޭނެ އަސާސެވެ.
މިއަދުގެ ދުނިޔޭގައި މާއްދީ ތަރައްޤީއާއި ފަސޭހަތައް އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް، މީސްތަކުންގެ މެދުގައި ނުތަނަވަސްކަމާއި، ހިތާމައާއި އެކަނިވެރިކަމުގެ ބިރުވެރިކަން އިތުރުވަމުންދާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މިފަދަ ހާލަތްތަކުން ސަލާމަތްވެ، ހިތުގެ ހަމަޖެހުން ހޯދުމަށް އޮތް ހަމައެކަނި މަގަކީ ޝިރުކުގެ އެންމެހައި ކަންކަމުން ދުރުހެލިވެ، މާތް ﷲއަށް އީމާންވުން ކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތް ﷲ ފޮނުއްވި އެންމެހައި ނަބިއްޔުންނާއި ރަސޫލުބޭކަލުންގެ އެންމެ ފުރަތަމަ ދަޢުވަތަކީ ވެސް ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުން ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި ދުނިޔެމަތީގައި އެންމެ ބޮޑެތި މުޞީބާތްތަކާއި ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެ ބޭކަލުންނަށް ކަމަށާއި، ވަކިން ޚާއްޞަކޮށް ކައުމުގެ އިތުރު ރަސޫލާއަށް ކުރިމަތިވެވަޑައިގެންނެވި އަނިޔާތަކާއި، ފުރައްސާރައާއި، ލޯބިވާ ބޭފުޅުން ވަކިވެދިޔުމުގެ ހިތާމަތަކާއި، ބަނޑުހައިހޫނުކަމުގެ ހާލަތްތަކުގައިވެސް އެކަލޭގެފާނު ދެއްކެވި ކެތްތެރިކަމާއި ﷲގެ މިންވަރުފުޅަށް ރުހިވަޑައިގަތުމުގެ މަތިވެރި ނަމޫނާ ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
އީމާންކަމުގެ ފޮނިމީރުކަން ލިބިގަތުމަށްޓަކައި، ﷲއީ އެއްކައުވަންތަ އިލާހުކަމަށާއި، އިސްލާމްދީނަކީ ޙައްޤު ދީންކަމުގައި އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމުގައި ހިތުގެ އަޑިން ރުހި ޤަބޫލުކޮށް، އެގޮތުގެ މަތީގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ވަނީ ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރައްވާފައެވެ.