ދީން

ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެ: ޚުޠުބާ

ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެ: ޚުޠުބާ

އިސްލާމީ މަރުކަޒު---

farudhun logo

ފަރުދުން

30 އޮކްޓޯބަރު 2026، 01:25

30 އޮކްޓޯބަރު 2026، 01:25

ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެއް ކަމަށާއި، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "އާއިލީ ގުޅުން ދެމެހެއްޓުން" މި މައުޟޫޢަށެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނުގައި ދަމަހައްޓަން އަންގަވާފައިވާ އެންމެ މުހިންމު އެއް ގުޅުމަކީ ރަޙިމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުމަށް ނަންދެއްވާފައިވަނީ ވެސް މާތް ﷲގެ މަތިވެރި އިސްމުފުޅު "الرَّحْمَـٰن" އާ ގުޅުވައިގެންނެވެ. މިކަމުގެ މުހިންމުކަން ހާމަކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ޤުދުސިއްޔަ ޙަދީޘެއްގެ މާނައިގައި ވަނީ: "ތިމަން ރަސްކަލާނގެއީ 'އައްރަޙްމާނު'އެވެ. އޯގާވަންތަ ރަސްކަލާނގެއެވެ. އަދި އެއީ ރަޙިމުގެ ގުޅުމެވެ. ގާތްތިމާގެކަމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުމަށްޓަކައި ތިމަންރަސްކަލާނގެ ނަންފުޅުތަކުން ނަމެއް ކަނޑައެޅުއްވީމެވެ. ފަހެ އެ ގުޅުން ނުކަނޑައި، ދަމަހައްޓައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ޤާއިމުކުރައްވާހުށީމެވެ. އަދި އެ ގުޅުން ކަނޑައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ކަނޑުއްވައި ވަކިކޮށްލައްވައިފާހުށީމެވެ."

މީގެއިތުރުން، ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމުގެ ނުރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ޚުޠުބާގައި ގެންނަވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ."

ޚުޠުބާގައި ވިދާޅުވީ، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުޞޫލުން އެކަކު ކޮށްދޭ ހެއުކަމަކަށް އޭގެ ބަދަލުގައި ކަމެއް ކޮށްދިނުން ނޫންކަމެވެ. ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ، އަނެކާ ގުޅުން ބޭއްވުމުން އެކަނި ބަދަލުދޭ ގޮތަށް ގުޅުން ބާއްވާ މީހާ ނޫން ކަމަށާއި، އެއީ ގާތްތިމާގެ ކަމުގެ ގުޅުން ކެނޑިގެންދާ ހިނދު ވެސް އިސްނަގައިގެން އެ ގުޅުން ދަމަހައްޓާ މީހާ ކަމުގައި ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން ސާބިތުވާ ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތް ލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. އެގޮތުން ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމާގެ ރިޒުޤު ތަނަވަސްވެ، ޢުމުރު ދިގުވުމަށް (އެބަހީ ޢުމުރުގައި ބަރަކާތްލެއްވުމަށް) އެދޭ މީހާ، ފަހެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ."

ޢާއިލީ ގުޅުން ހަރުދަނާކުރުމަށްޓަކައި ދެމަފިރީންގެ މަސްއޫލިއްޔަތުތަކުގެ މައްޗަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޢާއިލާއެއްގައި ދެމަފިރީންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ކީރިތި ރަސޫލާ ﷺ ވަނީ އުންމަތަށް ސާފުކޮށް ބަޔާންކޮށްދެއްވާފައި ކަމަށާއި، ދެމަފިރީންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރީންގެ ޙައްޤުތަކަށް ރައްކާތެރިވެ، އެކުދިންނަށް ހެޔޮ ތަރުބިއްޔަތު ދިނުން ކަމުގައި ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450