ދީން
އަތްމަތީގައިވާ މުދަލަކީ ވަގުތީ އަމާނާތެއް: ހުކުރު ޚުޠުބާ
މުދަލަކީ އަމާނާތެއް.
އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ މާތް ﷲ ވަގުތީ ގޮތުން ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށާއި، ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން ޤިޔާމަތް ދުވަހުން އެ އަމާނާތާ މެދު ވެސް ﷲގެ ޙަޟުރަތުގައި ސުވާލުވެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
"މުދަލަކީ މާތް ﷲގެ ޙައްޤެކެވެ" މި މަޢުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މުދަލާއި މުދާވެރިކަމާ ގުޅޭ އިސްލާމީ ތަޞައްވުރު ބިނާވެފައިވަނީ ވަރުގަދަ އަސާސެއްގެ މަތީގައެވެ. ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެތިކަން ފާހަގަކުރަމުން، މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވާފައިވާ އެއްޗެއް ނޫން ކަމަށާއި އެއީ އިމްތިޙާނެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ބަކަރި އައިނެއްގެ ތެރެއަށް، ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން، އެ ތަކެއްޗަށް ދޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ހުރި ގެއްލުމާއި ފަސާދަ މާ ބޮޑު
ހުކުރު ޚުޠުބާ
އަދި މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، އެ މީހެއްގެ ދީން ހަލާކުވެ އަޚުލާޤު ފަސާދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ޤިޔާމަތް ދުވަހު އިންސާނާގެ ޢުމުރާއި ޢިލްމާއި ހަށިގަނޑުގެ އިތުރުން މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެކަން ކަށަވަރުވާ ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މުދާ ހޯދަންވާނީ ﷲ ކަނޑައަޅުއްވާފައިވާ ހުއްދަ އިންތަކުގެ ތެރެއިން ކަމަށާއި، ރިބާއާއި، ރިޝްވަތާއި، މަކަރާއި ޙީލަތާއި، ވައްކަމާއި ޚިޔާނާތް ފަދަ ޙަރާމް ގޮތްގޮތުން އާމްދަނީ ހޯދުމަކީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމުގައި ބަޔާންކުރެއްވިއެވެ. މިފަދަ ޢަމަލުތަކަށް އިންޒާރު ދެއްވަމުން ކީރިތި ރަސޫލާގެ ޙަދީޘްފުޅެއް ބަޔާންކުރައްވައި ވިދާޅުވީ، "ހަމަކަށަވަރުން، މާތް ﷲގެ މުދާ، ޙައްޤަކާ ނުލައި ނަހަމަ ގޮތުގައި ބޭނުންކުރާ ބަޔަކު މީސްތަކުންގެ ތެރޭގައި ވެއެވެ. ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ހުރީ ނަރަކައެވެ."
ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މުދަލުގައި އަދާކުރަންޖެހޭ އެންމެ އިސް ވާޖިބަކީ އަނބިދަރިންނާއި މައިންބަފައިން ހިމެނޭހެން އަމިއްލަ އަހުލުވެރިންނަށް ކުރާ ހޭދައެވެ. އަދި އޭގެ ފަހުގައި ގާތްތިމާގެ މީހުންނަށާއި، ފަޤީރުންނާއި މިސްކީނުންނަށް ހޭދަކުރުމުގެ އިތުރުން ފަރުޟު ޒަކާތް އަދާކުރުމަކީ މުދަލުގެ އަސްލު މިލްކުވެރި ފަރާތުން އަޅުގަނޑުމެންނާ ޙަވާލުކުރައްވާފައިވާ އަމާނާތް އަދާކުރުމެވެ. ހަމައެއާއެކު، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކޮށް މުދާ އިސްރާފުކުރުމަކީ ވެސް އަމާނާތަށް ޚިޔާނާތްތެރިވުން ކަމުގައި ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.