ދީން

އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީން: ޚުތުބާ

އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީން: ޚުތުބާ

އިސްލާމީ މަރުކަޒު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 އޮކްޓޯބަރު 2026، 01:10

23 އޮކްޓޯބަރު 2026، 01:10

އިސްލާމްދީނަކީ އިންސާނާގެ ދެ ދުނިޔޭގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ހަމައެކަނި ދީންކަމަށާއި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ މި މާތް ދީނުގެ މަތިވެރި އުޞޫލުތަކާ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނަކީ މާތް ﷲ އަޅުގަނޑުމެންނަށްޓަކައި އިޚުތިޔާރުކުރައްވައި، ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީނެވެ. މަތިވެރި އަޚުލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނޭ އެއްވެސް ކަމެއް މި ދީނުގައި ނުވާ ކަމަށާއި، މިއީ ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގުކަމުގައި ޚުތުބާގައި ވިދާޅުވިއެވެ. އަދި މިއީ ހުރިހައި ހެޔޮ ކަމަކަށް ގޮވައިލާ، އެންމެހައި މުންކަރާތްތަކެއް ނަހީކުރާ މާތް ދީނެވެ.

ނަމަވެސް، މިއަދު މުޖުތަމަޢުގެ ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކާއި މިންތަކުން ބޭރުވެ، ދީނީ ވާޖިބުތަކަށް އިހުމާލުވަމުންދާކަން ޚުތުބާގައި ވަނީ ހިތާމައާއެކު ފާހަގަކުރައްވާފައެވެ. އަދި ދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި، ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވަމުންދާތީ އެކަމާމެދު ޚުތުބާގައި އިންޒާރު ދެއްވިއެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވީ، ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ގޮތެއް އެދޭނޭ މީހެއް ނޫން ކަމަށެވެ. އެގޮތުން، ކީރިތި ރަސޫލާ صلى الله عليه وسلم އަށާއި، އިސްލާމްދީނުގެ ފުރަތަމަ ޖީލުގެ މުސްލިމުންނަށް ކާފިރުންގެ ފަރާތުން ލިބުނު އިންތިހާ ދަރަޖައިގެ އަނިޔާތަކުގެ މިސާލުތައް ޚުތުބާގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން މޭފުޅުމައްޗަށް ބޮޑެތި ހިލަތައް އަރުވައި މައްކާގެ ހޫނު ހިލަބިމުގައި ދަމައި، އަލިފާންގަނޑު ރޯކޮށް އެ އަލިފާންގަނޑުގެ މަތީގައި ބާއްވައި ދިން އަނިޔާތަކުގެ ސަބަބުން ބުރަކަށިފުޅުގެ މަސްތައް ފިހިގެން ފޭބި ދިޔައިން އަލިފާންގަނޑު ނިވިގެން ދިޔައިރު ވެސް، އެބޭކަލުން ދީނުގައި ސާބިތުވެ ތިއްބެވިކަން ހަނދާންކޮށްދެއްވިއެވެ.

މާތް ﷲ މި އުންމަތަށް މަތިވެރިކަމާއި ޝަރަފު ދެއްވައި ޢިއްޒަތްތެރި ކުރެއްވީ މި މާތް ދީނުގެ ސަބަބުން ކަމަށާއި، މުސްލިމުންގެ ޢިއްޒަތާއި ސިޔާދަތުގެ ސިއްރަކީ އިސްލާމްދީން ކަމަށް ޚުތުބާގައި ބަޔާންކުރެއްވިއެވެ. ތާރީޚު ހެކިދޭ ގޮތުގައި، މުސްލިމުން ދީނުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި މާތް ﷲ އެބައިމީހުން މަތިވެރިކުރެއްވި ކަމަށާއި، ދީނާ ދުރުހެލިވި ވަގުތުތަކުގައި ނިކަމެތިވެގެން ދިޔަކަން ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.

ޚުތުބާ ނިންމަވާލައްވަމުން ވަނީ، އިސްލާމްދީނަކީ ޝިރުކާއި، ބިދުޢަތަކާއި އަދި ދީނުގެ ތެރެއަށް އަލަށް އުފަންކުރެވޭ އެންމެހައި ކިލަނބުކަމުން ސާފުޠާހިރުވެގެންވާ ދީންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، ހަމައެކަނި ﷲއަށް އަޅުކަން ޚާއްޞަކޮށް، އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ބާޠިލު އެންމެހައި ކަންކަމުން ބަރީއަވެ، ދީނުގެ އަސާސްތަކުގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450