ދީން

ޙައްޖު ދުވަސް ހުރުމަތްތެރިވެގެންވާ ފަދައިން މުސްލިމުންގެ އަބުރާ އިއްޒަތް ހުރުމަތްތެރިވެގެންވޭ: ޚުޠުބާ

ޙައްޖު ދުވަސް ހުރުމަތްތެރިވެގެންވާ ފަދައިން މުސްލިމުންގެ އަބުރާ އިއްޒަތް ހުރުމަތްތެރިވެގެންވޭ: ޚުޠުބާ

އޭދަފުށީގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ މިސްކިތެއް / ފޮޓޯ: އިންޓަނެޓް

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2026، 01:10

16 އޮކްޓޯބަރު 2026، 01:10

މާތްވެގެންވާ ޙައްޖު ދުވަސް ޙުރުމަތްތެރިވެގެންވާ ފަދައިން، މުސްލިމުންގެ އަބުރާއި ޢިއްޒަތް ވެސް ޙުރުމަތްތެރިވެގެންވާ ކަމަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ހާމަކޮށްފިއެވެ.

މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވަނީ، ﷲ ތަޢާލާ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު، އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް އެކަލާނގެ ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރެއިން އެއް މަޤުޞަދުކަން ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްބަސްފުޅެއް ނަކަލުކުރައްވަމުން ޚުޠުބާގައި ވިދާޅުވިއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ މި ރަށް (މައްކާ)، ތިޔަބައިމީހުންގެ މި މަސް (ޛުލްޙިއްޖާ މަސް)، ތިޔަބައިމީހުންގެ މި ދުވަސް (ޙައްޖު ދުވަސް) ޙުރުމަތްތެރިވެގެންވާ ފަދައިން، ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ލެޔާއި، މުދަލާއި، އަބުރާއި، ހަށިތައްވަނީ ޙުރުމަތްތެރިކުރެއްވިގެންނެވެ." އަދި މި ވާހަކަ އެތަނަށް ޙާޟިރުވެ ނެތް މީހުންނަށް ފޯރުކޮށްދިނުމަށް ކީރިތި ރަސޫލާ އަމުރުކުރައްވާފައިވާކަން ވެސް ބަޔާންކުރެއްވިއެވެ.

މާތްވެގެންވާ އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް މިހައި ބޮޑު އިސްކަމެއް ދީފައިވަނީ، އަބުރު ގެއްލުވައިލުމުގެ ސަބަބުން މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދިގެންދާތީއެވެ. މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމަށާއި، ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ނަމަވެސް، އަބުރު ކަތިލެވޭ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ދަތި ބޮޑު ވޭނެއް ކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ.

މީގެއިތުރުން، މުސްލިމުންނަށް ކުއްތާ އާއި އޫރަކީ ނަޖިހެއް ކަމުގައި ވިޔަސް، އެ ތަކެއްޗަށް ވެސް ރަޙުމުކުރުމަކީ ވާޖިބެއް ކަމަށާއި، ކަރުހިއްކައިގެންފައިވާ ކުއްތާއަކަށް ފެންދިން މީހެއްގެ ފާފަ މާތް ﷲ ފުއްސަވައިދެއްވި ވާހަކަ ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ނަޖިސް ޖަނަވާރަކަށް ހެޔޮކޮށްހިތުމުން ﷲ ތަޢާލާ ފާފަ ފުއްސަވައި ސުވަރުގެ ދެއްވިއިރު، އެކަލާނގެ މާތްކުރެއްވި އާދަމުގެ ދަރިޔެއްގެ އަބުރު ކަތިލައި ނިކަމެތިކޮށްފި ނަމަ، އެ ކަމުގައި ހުންނާނޭ ފާފައިގެ ބޮޑުކަމާ މެދު ފިކުރު ހިންގުމަށް ގޮވާލެއްވިއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އިސްލާމްދީނުގައި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި، އެކަމަށް ހަތަރު ފިރިހެން ހެކިން ނުދެއްކިއްޖެ ނަމަ، އެ ތުހުމަތުކުރި މީހެއްގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖެހުމަށާއި، ދުވަހަކު ވެސް އެމީހުންގެ ހެކިބަސް ޤަބޫލުނުކުރުމަށް ވަނީ އަމުރުކުރައްވާފައެވެ. މިއީ އަބުރު ރައްކާތެރިކުރުމަށް ދީނުގައި ދެއްވާފައިވާ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ.

މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި، ސޯޝަލް މީޑިއާގެ ޒަރީޢާއިން ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރަށް އަރައިގަނެ، މުޅި ދުނިޔެއަށް މީހުން ފަޟީޙަތްކުރަމުންދަނީ ފާފައިގެ ބޮޑުކަމަށް ވިސްނުމެއް ނެތި ކަމަށް ޚުޠުބާގައި ހިތާމައާއެކު ފާހަގަކުރިއެވެ. އަދި މީހަކު އޭނާއަށް އިވޭހައި ވާހަކައެއް ދެއްކުން ދޮގަކަށްވުމަށް ފުދޭ ކަމަށާއި، ދުލުން ބޭރުކުރާ ކޮންމެ ލަފުޒަކީ ޤިޔާމަތް ދުވަހުން ހިސާބު ބެއްލެވޭނެ ކަންކަން ކަމުގައި ހަނދާންކޮށްދިނެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅެއް ކަމުގައިވާ: "މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟" މި ޙަދީޘް ހަނދާންކޮށްދީ، ދުލާއި ގަލަމުގެ ނުބައިކަމުން ރައްކާތެރިވެ، މުސްލިމް އަޚުންނާއި އުޚުތުންގެ އަބުރު ރައްކާތެރިކުރުމަށް އެންމެހައި މުސްލިމުންނަށް ނަޞޭޙަތްތެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450