ދުނިޔެ

ހޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސައޫދީއަށް ބައިނަލްއަގުވާމީ އެހީތެރިކަން އިތުރުވަނީ

ހޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސައޫދީއަށް ބައިނަލްއަގުވާމީ އެހީތެރިކަން އިތުރުވަނީ

ސަޢުދީގެ ފޮރިން މިނިސްޓަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ސެޕްޓެމްބަރު 2026، 03:47

25 ސެޕްޓެމްބަރު 2026، 03:47

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރުގަދަކުރަމުންދާތީ، ސައޫދީގެ އިއްތިހާދު ގައުމުތަކުން އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން ސައޫދީގެ މުހިންމު ތެޔޮ ޓާމިނަލެއް ކަމަށްވާ ޔަންބުއު ހިމާޔަތްކުރުމަށް ސިފައިން ފޮނުވާނެ ކަމަށް ފްރާންސުން ވަނީ ހާމަކޮށްފައެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ، ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޔަންބުއު ބަނދަރު ހިމާޔަތްކުރުމަށް ފްރާންސުން ސިފައިންނާއި، ރާޑަރު އަދި ދިފާއީ ނިޒާމުތައް ފޮނުވާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ އެއްވެސް ހަނގުރާމައެއްގެ ތެރެއަށް ވަނުމަށް ކުރާ ކަމެއް ނޫން ކަމަށާއި، ބޭނުމަކީ ތެޔޮ ރައްކާކުރާ އަދި ސާފުކުރާ އެ މަރުކަޒު ހިމާޔަތްކުރުމެވެ.

ހަމައެއާއެކު، ސައޫދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީގެ ޚާރިޖީ ވަޒީރުން ވަނީ ބައްދަލުކުރައްވައި، 'މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް' ގެ ދަށުން އަސްކަރީ އިސްވެރިންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާފައެވެ. މި އެއްބަސްވުމުގެ ދަށުން އެއް ގައުމަށް ދޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލެވެއެވެ. މި ބައްދަލުވުމުގައި ހޫޘީން މައްކާއަށާއި އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ.

ހޫޘީން ބުރާސްފަތި ދުވަހު ބުނެފައިވަނީ އަރާމްކޯގެ ޔަންބުއު ފެސިލިޓީއަށާއި ރިޔާޟުގެ ނާޒުކު އަމާޒަކަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް ސައޫދީ ސިފައިން ވަނީ ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލްތަކެއް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. މި ހަމަލާތަކާ ގުޅިގެން ސައޫދީގެ ގްރޭންޑް މުފްތީ ވަނީ ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި ގުރުބާންވުމަށް ސިފައިންނަށް ގޮވާލައްވާފައެވެ.

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޔަމަނުގެ ނައިބު ރައީސް އަބްދުﷲ އަބްދުލްގާދިރު އަލް-އަލީމީ ވަނީ ހޫޘީން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ބިރުދެއްކުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށް، ދުނިޔޭގެ އިގްތިސާދު ރަހީނުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މި ހަމަލާތަކާ ގުޅިގެން ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ވަނީ 105 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450