ދުނިޔެ
ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި
ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހެޅުން - ފޮޓޯ: އަލްޖަޒީރާ
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި އީރާނުން ހަތް ދުވަހުގެ ޚާއްޞަ މަގުޗާޓެއް (ރޯޑްމެޕް) ހުށަހަޅައިފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އެމެރިކާއިން މި ހުށަހެޅުމަށް އެއްބަސްވިހާ އަވަހަކަށް، އެ މަގުޗާޓު ތަންފީޒުކުރުމުގެ މަސައްކަތް ފެށުމަށް ތެހެރާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނާއެކު ޑިޕްލޮމެޓިކް މަޝްވަރާތައް ކުރުމުގެ ދޮރު އަބަދުވެސް އޮތީ ހުޅުވިފައި ކަމަށެވެ. އަދި ޑިޕްލޮމެސީގެ މަގު ބަންދުކޮށް، އެކަމަށް ހުރަސްއެޅީ އެމެރިކާއިން ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ސަރަޙައްދީ މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވުނު މައްކާ ޕެކްޓްގެ ޤައުމުތަކުގެ ބައްދަލުވުމެއްގައި، ސަޢޫދީގެ ދިފާޢުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އެ ޤައުމުތަކުން ވަނީ އަލުން ދީފައެވެ. ސަޢޫދީ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި އެކުވެރި ޤައުމުތަކުގެ އަސްކަރީ ވެރިން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވެފައިވާ އެކި ބާވަތުގެ ސަލާމަތީ ނުރައްކާތައް ވަރަށް ފުޅާ ދާއިރާއެއްގައި މުރާޖަޢާކޮށް، މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރުވެސް ވަނީ ޙޫޘީން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި މުސްލިމުންގެ މާތްވެގެންވާ ދެ ޙަރަމްފުޅު ކަމުގައިވާ މައްކާއާއި މަދީނާގެ ޙުރުމަތަށް އަރައިގަތުމަށް ނުވަތަ ނުރައްކާކުރުމަށް ކުރެވޭ ކޮންމެ ކަމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ފަހަނައަޅައި ނުދެވޭނެ "ރަތް ރޮނގެއް" ކަމަށް ވިދާޅުވެ ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.