ޚަބަރު
މާލެ ފަތާ ޓްރެކް ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ފައިސާ ހޯދައިފި
މާލެ ފަތާ ޓްރެކް ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ފައިސާ. ފޮޓޯ: ފުލުހުން
މާލެ ފަތާ ޓްރެކް ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ފައިސާ ހޯދާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ އިއުތިރާފުވެފައިވާ ކަަމަށެވެ.
އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައެވެ. 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާކަަމށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.