ޚަބަރު
ރާއްޖޭގައި އެކްޓިވް ހިމަބިހީގެ ކޭސްއެއް މިވަގުތު ނެތް: ވަޒީރު ޤީލާ
ވަޒީރު ޤީލާ ޢަލީ. ފޮޓޯ: ސިއްޙީ ވުޒާރާ
ހިމަބިހީގެ އެކްޓިވް ކޭސްއެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށާއި، ބަލީގެ ހާލަތު މިހާރު އޮތީ ފުރިހަމައަށް ކޮންޓްރޯލް ކުރެވިފައި ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ހިމަބިހި ބަލި މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. އަދި މި ބައްޔަކީ ރާއްޖެއިން ކުރިންވެސް ނައްތާލެވިފައިވާ ބައްޔެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިފަހަރު ބަލި ފެތުރެން ދިމާވީ ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށެވެ.
"ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީއާއެކު އަސްލު ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް މިއީ. ރާއްޖެއަށް އަންނަ މީހުންގެ ފަރާތުން އަދި އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ގޮސްއައިސް ހެދުމުގެ ތެރޭގައި ކަމަށް ބެލެވެނީ މިފަހަރުގެ ކޭސްތައްވެސް ފެށިގެން މިއައީ،" ވަޒީރު ވިދާޅުވިއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއިން އަލުން ހިމަބިހީގެ ކޭސްތައް ފެންނަން ފެށި ފަހުން، މިހާތަނަށް ޖުމްލަ 282 މީހަކަށް މި ބަލި ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. ރާއްޖެއިން ބޭރުން އަންނަ މީހުންގެ ފަރާތުން ބަލި ފެނުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ބަލިން އަރައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ވެކްސިން ކަމަށެވެ. އެގޮތުން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހިންގި ވެކްސިން ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،000 އަށްވުރެ ގިނަ މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.
ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އެންމެ ފުރަތަމަ މި ބަލި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. ރާއްޖޭގައި 1983 ވަނަ އަހަރުން ފެށިގެން ގައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ތުއްތު ކުދިންނަށް އަންނަނީ ހިމަބިހީގެ ވެކްސިން ގަވާއިދުން ދެމުންނެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއިން ގައިންގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާއިރު، މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަބަދުވެސް ސަމާލުކަން ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ވެކްސިންތައް ފުރިހަމަކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.