ދުނިޔެ
ހޮރްމުޒް ކަނޑުއޮޅީގެ ނަން ބަދަލުކޮށް ޓްރަމްޕް އައު ޗާޓެއް އާންމުކޮށްފި
އެމެރިކާގެ ރައީސް ނެރުނު ޗާޓް - ފޮޓޯ: ޔާފާ
ގަލްފް ސަރަޙައްދުގެ އައު ޗާޓެއް އާންމުކޮށް، މުހިންމު ވިޔަފާރި މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ނަން "ޓްރަމްޕް ސްޓްރެއިޓް" ގެ ނަމަށް ބަދަލުކޮށްފިއެވެ.
މި ޗާޓު އާންމުކޮއްވާފައި މިވަނީ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނުން ހުށަހެޅި ހުށަހެޅުން އޭނާ ގަބޫލުނުކޮށް ރައްދު ދިނުމުގެ ގޮތުންނެވެ.
ޓްރަމްޕް އާންމުކުރި މި ޗާޓުގައި ހޮރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަޙައްދު ވަށައިގެން ބޮޅެއް އަޅާފައިވާއިރު، އެ ކަނޑުއޮޅީގައިވާ ރަށްތަކާއި، އީރާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އައްސޭރިފަށުގެ ސަރަޙައްދުތައް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މި ޗާޓުން ގަތަރާއި ބަހްރައިންގެ އައްސޭރިފަށުގެ ސަރަޙައްދުތައް އެއްކޮށް އުނިކޮށްފައި ވުމުންނެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ހުށަހެޅީ އެ ގައުމުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. އަދި އޭގެ ބަދަލުގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް އެ ގައުމުން ވަނީ ހުށަހަޅާފައެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ނަމަވެސް މި ހުށަހެޅުން ޓްރަމްޕް ވަނީ ދެކޮޅު ހަދާފައެވެ. އަދި އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބަށްފަހު، އީރާނަށް ދެމުންދާ ވައިގެ ހަމަލާތައް އަލުން ފަށާނެ ކަމަށް ބެލެވޭ ކަމަށް ޓްރަމްޕް ވަނީ އޭނާގެ އޮފިޝަލުންނާއި ގާތް މީހުންގެ ގާތުގައި ބުނެފައެވެ.
މީގެއިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވެސް އީރާނުގެ މައްސަލައާއި ހޮރްމުޒް ކަނޑުއޮޅީގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޓްރަމްޕް ބުނެއެވެ. މި މަޝްވަރާތަކުގެ ބައެއް ތަފްސީލުތައް އެމެރިކާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ޕާޑިއު ވަނީ ހާމަކުރައްވާފައެވެ.
ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޕާޑިއު ބުނެފައިވަނީ، ޗައިނާއިން އީރާނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ދިނުމަކީ ވޮޝިންގޓަނުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫންކަން ޓްރަމްޕް ވަނީ ޗައިނާގެ ރައީސް އަށް ސާފުކޮށްދީފައެވެ. އަދި ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމާއި، ސްޕެއާ ޕާޓްސް އަދި އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުން ފަދަ އެއްވެސް އެހީތެރިކަމެއް ތެހެރާނަށް ފޯރުކޮށްދިނުމަކީ އެމެރިކާއިން ބަލައިގަންނާނެ ކަމެއް ނޫންކަން ފާއިތުވި ހަފްތާތަކުގައި ބެއިޖިންގ އަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ބުނެއެވެ.