ދުނިޔެ

ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ދިރިތިބުމަށްޓަކައި ހަނގުރާމަކުރަނީ

ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ދިރިތިބުމަށްޓަކައި ހަނގުރާމަކުރަނީ

ފަަލަސްޠީނުގެ އާއިލާއެއް. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ސެޕްޓެމްބަރު 2026، 05:59

27 ސެޕްޓެމްބަރު 2026، 05:59

ހުޅަނގު އައްސޭރީގެ އުތުރުގެ ރެފިއުޖީ ކޭމްޕުތަކުން އިސްރާއީލު ސިފައިން ގަދަކަމުން ނެރެލި އެތައް ހާސް ފަލަސްޠީނު ރައްޔިތުން، އަސާސީ ޚިދުމަތްތަކުން މަޙްރޫމުވެ، ދިރިއުޅުމަށްޓަކައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޖެނިން، ތުލްކަރަމް އަދި ނޫރު ޝަމްސް ރެފިއުޖީ ކޭމްޕުތަކުން 33،000 އަށްވުރެ ގިނަ މީހުން ނެރެލިތާ 20 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމީހުން ދިރިއުޅެމުންދަނީ ނިކަމެތި ހާލުގައެވެ.

ތުލްކަރަމް ކޭމްޕުން ގެދޮރު ގެއްލުނު ޙަކީމް މަރްޢީގެ ޢާއިލާއަކީ މި ހިތްދަތި ހާލަތު ތަޙައްމަލު ކުރަމުންދާ އެއް ޢާއިލާއެވެ. ފަޔަށް ލިބިފައިވާ ބޮޑު އަނިޔާއެއްގެ ސަބަބުން މަސައްކަތެއް ނުކުރެވި، ބޭސްފަރުވާގެ ތަނަވަސްކަމެއް ނެތި ޙަކީމް ދިރިއުޅެނީ ހަލާކުވެފައިވާ ވަގުތީ އެޕާޓްމަންޓެއްގައެވެ.

ކަރަންޓުގެ ޚިދުމަތް ނެތި އަނދިރީގައި ދިރިއުޅޭ މި ޢާއިލާ ވަނީ ދަރަނިވެރިވެ، ކާބޯތަކެއްޗަށްވެސް ދަތިވެފައެވެ. "އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނެތް. އަހަންނާއެކު ވާނެ އެކަކުވެސް ނެތް،" ޙަކީމް ބުންޏެވެ. އޭނާގެ ހަތަރު ބުރީގެ ޢާއިލީ ގެ ވަނީ މަގެއް އެޅުމަށްޓަކައި އިސްރާއީލު ސިފައިން ބިމާ ހަމަކޮށްފައެވެ.

އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީ (އުންރުވާ) އިން ހާމަކުރި ގޮތުގައި، މިއީ 1967 ވަނަ އަހަރަށްފަހު ހުޅަނގު އައްސޭރީގައި އެއްފަހަރާ އެންމެ ގިނަ ބަޔަކު ގަދަކަމުން ގެދޮރުން ބޭރުކޮށްލި ފަހަރެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އެ ތިން ކޭމްޕުގެ 20 އިންސައްތަ ޢިމާރާތް ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ. އަދި އިތުރު 28 އިންސައްތަ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އުންރުވާގެ ހުޅަނގު އައްސޭރީގެ ޑިރެކްޓަރު ރޯލަންޑް ފްރީޑްރިކް ވިދާޅުވީ، ގެދޮރު ގެއްލުނު މީހުންގެ 85 އިންސައްތަ މީހުންގެ އަތުގައި އެއްވެސް އާމްދަނީއެއް ނެތް ކަމަށެވެ.

އިސްރާއީލުން އެ ސަރަޙައްދުތައް އަސްކަރީ ބަންދު ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި، އެ އަމުރުތައް ދަނީ ތަކުރާރުކޮށް އާކުރަމުންނެވެ. ފަންޑުގެ ދަތިކަމުގެ ސަބަބުން އުންރުވާއަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްތަކާ ކުރިމަތިވެފައިވާއިރު، މި ހާލަތުގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450