ކޮލަމް
މި އާދަކާދަތަކުން އަންނަން އޮތް ޖީލަށް އަހަރެމެން ފޯރުކޮށްދޭނީ ކޮންކަމެއް؟
ދިވެހި ކާބަފައިންގެ ކުރީގެ ރީތި އާދަކާދަތައް ގެއްލެނީ. ފޮޓޯ: ނައުޝަމް ވަޙީދު
ދިވެހިންނަކީ ޒަމާނުއްސުރެ ކާބަފައިން ދޫކޮށްދިޔަ އަގުހުރި ތަރިކަ އާއި ސަޤާފަތާއި، އާދަކާދަތަށް، އެއީ ހަޒާނާއެއްކަމުގައި ދެކެމުން އައި ބައެކެވެ. އަހަރުން އަހަރަށް، ނެތިވެދަމުން އެދާ ރިވެތި ސިފަތަކުގެ ވާހަކަދައްކާ، ޒިކުރާ އާކުރަމުން އަންނަ ބައެކެވެ. ކަން މިހެން ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ދިވެހިންގެ އެވޭލާ އާދަކާދަތަކަކީ ދިވެހިން ނޫނަސް، ދުނިޔޭގެ ތާރީޚް ދިރާސާ ކުރާ ބޭފުޅުން، އެ އާދަކާދަތަކުގެ ފުރިހަމަކަމަށް ހެކިވާ އާދަކާދަތަކެކެވެ.
މި އާދަތަށް ދިވެހި މުޖުތަމައުން މަޑުމަޑުން ފޭދެމުން ދިޔަކަމުގައިވީ ނަމަވެސް ފާހަގަކޮށްލަންޖެހޭ ހަޤީޤަތަކީ އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުން އިހުގެ އާދަކާދަތަކުގެ އުފާވެރި މަންޒަރު ފެންނަމުންދާކަމެވެ. ދިވެހި ކާބަފައިންގެ އާދަތަކަކީ ނުހަނު ރީތި އާދަތަކެކެވެ. މީގެ ތެރޭގައި، ގާތްތިމާގެ ގުޅުން ދެމެހެއްޓުން، އަވަށްޓެރިންނަށް އިޙްތިރާމުކުރުން، މެހުމާނުންނަށް ކަމޭހިތުން، ހުކުރު ދުވަސް ފަދަ ޚާއްސަ ދުވަސްތަކުގައި ދައްކުވައިދޭ އެއްބައިވަންތަކަން އަދި ކެއިން ބުއިމުގެ ރިވެތި އާދަތަށް ހިމެނެއެވެ. އަދި ހަމައެހެންމެ މަސްވެރިކަން ކުރަމުންއައި ގޮތާއި ކުޅިވަރުތަތަކުގެ ކަންކަން ހިމެނެއެވެ. ވީމާ، ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ އާދަކާދައިގެ ތެރެއިން އުވި ގޮސްފައިވާ، ކުރީގެ އާދަކާދައިގެ މައްޗަށް ބަލާލަމާ ހިނގާށެވެ.
ގާތްތިމާގެ ގުޅުން ދެމެހެއްޓުމަކީ އޭގައި ނުހަނު ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާކަމެކެވެ. އެއީ އިސްލާމްދީންވެސް އެހާމެ ބާރުއަޅާކަމެކެވެ. އިހުގައި އާއިލާ ކިތަންމެ ފުޅާވެގެންގޮސް ދަރިންތައް ވަކިވަކިން އުޅުނުކަމުގައިވީނަމަވެސް އާއިލީގުޅުން ވަރަށް ވަރުގަދައެވެ. އާއިލާގައި އެކަކުވެސް އަނެކާގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަމުގެ އަތް ދިއްކުރެއެވެ. އަޅައިލައެވެ. އެކަކު އަނެކަކުގެ ދިރިއުޅުމުގައި ދިމާވާ އަޑިގަނޑުތަކާއި އުސްގަނޑުތަކުގައި އެކުގައި ޝާމިލުވެ ހިތްވަރުދީ އުފަލުގައި ބައިވެރިވެ ހަދައެވެ. މައިންބަފައިން އުމުރުން ދުވަސްވުމުން އެދެމައިންނަށް ދޭންޖެހޭ ލޯތްބާއި އަޅާޅުންދީ ހުރިހާ ކަމެއް އެންމެން އެކީ ބަލަހައްޓައެވެ. މިއަދާ ޚިލާފަށް، އެންމެ ފާހަނގަ ކޮށްލެވޭ އެއްކަމަކީ މައިންބަފައިން ދުނިޔެ ދޫކޮށް ދިޔުމުން އާއިލާއަށް ނިސްބަތްވާ ތަރިކަ ދަރިންގެ މެދުގައި ހިއްސާކުރަނީ ސުލްހަމަސަލަސްކަން އިޚްތިޔާރު ކޮށްގެންނެވެ. ކޮންމެއަކަސް އިހުގެ ދިވެހިންނަކީ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، ހާލުބަލައި، ގާތްތިމާގެކަން ވާސިލުކުރާ ބައެކެވެ.
އަވަށްޓެރީންނަކީ ވެސް ކާބަފައިންގެ ނަޒަރުގައި ގާތްތިމާގެ މީހުންނެވެ. ދިވެހިން ދެކުނު ގޮތުގައި މުޅި ރަށުގެ ހުރިހާ ފަރުދުންނަކީ އަވަށްޓެރިންނެވެ. ސަބަބަކީ އާންމުކޮށް ރަށެއްގައި އެކަކު އަނެކަކު ނުދަންނަ މީހަކު ނޫޅޭތީއެވެ. އޭރުގެ ދިވެހިންވީ އެއްބަޔަކު އަނެއް ބަޔެއްގެ ކުދި ބޭނުންތަކާއި ބޮޑެތި ބޭނުންތައް ވެސް ހިތްހެޔޮކަމާއެކު އެއްވެސް އަގަކާއި ނުލާ ފުއްދައިދިން ބަޔަކަށެވެ. އެކި މަސައްކަތްތަކަށް ބޭނުން ކުރާ ހިފައިގެންގުޅޭ ތަކެތި ވެސް، ހުންނަ ގޭގެއިން ނުހުން ގޭގެއަށް ބޭނުންކުރަން ދީ، މަސައްކަތުގައި ބައިވެރިވެ، ބުރަ ލުއި ކޮށްދިން ބަޔަކަށެވެ. އަވަށްޓެރިޔާގެ ގެއަށް އެއްއިރުން އަނެއް އިރަށް ތަށިބަރި ވެސް ގެންގޮސްދިން ބަޔަކަށެވެ. މިނޫން ގޮތްގޮތުން ވެސް ދިވެހިންނަކީ އަވަށްޓެރިކަމުގެ މިސާލު ދައްކައިދިން، ރިވެތި އަޚްލާގުގެ ވެރިބައެކެވެ.
ޒަމާނުއްސުރެ ދިވެހިންނަކީ އެއްބައިވަންތަކަމާއި އެކު ރަށުގެ ވެށި ސާފުކޮށް ބެހެއްޓުމުގެ ލާމަސީލު މިސާލު ދެއްކި ބަޔެކެވެ. ތަފާތު މުނާސަބާތަކަށް ރަށުތެރެ ސާފުކުރުމާއި، އަތިރިމަތި ސާފުކުރުމަކީ އަންހެންވެރިން ޖޯޝުގައި ކުރަމުންއައި ކަންތައްތަކެވެ. ހަމައެއާއެކު، ކާބަފައިންގެ ޒަމާނުގައި ދިވެހިންގެ ފެންވެރުމުގެ އާދަކާދަ ބިނާވެފައި އޮތީވެސް މިއަދާއި ވަރަށް ތަފާތު ގޮތަކަށްކަން ފަހަގަކޮށްލަންޖެހެއެވެ. އަންހެނުންނަށް ޚާއްސަކޮށް ފެންވެރުމަށް އޭރުގެ ގިފިލި ތައްޔާރުކުރެވިފައި ހުރިކަން މާޒީގެ ސަފުހާތަކުން ސާބިތުވެއެވެ. ކަންމިހެން އޮތުމުން ދޭހަވަނީ އިހުގައިވެސް އަންހެނުންނަށް ގަދަރުވެރި މަގާމެއް ދިވެހިންގެ ތެރޭގައި ދެވިފައި އޮތްކަމެވެ.
ގުޅުން ބަދަހިކުރުމަކީ އިހުގެ ދިވެހިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިން ސިފައެކެވެ. ހުކުރު ދުވަހާއި، ދެ އީދު ދެ ދުވަހާއި، ޙައްޖު ދުވަސް ފަދަ ޙާއްސަ ދުވަސްތަކަކީ ކާބަފައިންގެ ރިވެތި އުސޫލުތައް ދައްކުވައިދިން ހަނދާނީ ދުވަސްތަކެކެވެ. މީގެ ކޮންމެ ދުވަހަކީ ވެސް އީދެއްގެ އުފާ މުޅި ރަށުތެރޭން ފެންނަން ހުންނަ ދުވަސްތަކެކެވެ. ޒަމާނުއްސުރެ ހުކުރު ދުވަހަކީ އާއިލީ ދުވަހެއްގެ ގޮތުގައި އިހުގެ ދިވެހިން ނަމޫނާ ދައްކަމުން އައިއިރު ޢީދު ދުވަހަކީ އުފާކުރުވަނިވި ހުނުންތަކުން މުޅި ފަޒާ ގުގުމާލާ ދުވަހަކަށް ވަނީވެފައެވެ. އާހެދުން ފަހައި، ނަލަ ހެދިލައިގެން ހަވީރު ފިންޏަށް ހިނގާލަން ދިޔުމާއި، ކުޅިވަރު ކުޅެ، މަޖާކޮށް ފޯރިނެގުމަކީވެސް ދިވެހިންގެ ތެރޭގައި ކުރެވެމުން އައި އުފާވެރި ކަންކަމެވެ.
މިހާރު ސަޤާފީ ކުޅިވަރުތަކުގެ ގޮތުގައި ހަމަޖެހިފައިވަނީ އިހު ދިވެހީން ފޯރި ނެގުމާއި މަޖާ ކުރުމުގައި ކުޅެއުޅުނު ކުޅިވަރުތަކެވެ. ކުޑަ ކުދިންނަށް ޚާއްސަ އަކުންބަކުން، އަލީލާން، ބަތްކައްކާ ފަދަ ކުޅިވަރުތަކަކީ މިއަދުވެސް ވަރަށް ގިނަ ދިވެހިންގެ މެދުގައި މަޤުބޫލު ކުޅިވަރުތަކެކެވެ. މިކުޅިވަރުތަކުގެ ޚާއްސަކަމަކީ މާބޮޑު ޚަރަދަކާއި ނުލާ، ރާއްޖޭގައި އުފެދޭ، ފަސޭހައިން ލިބެން ހުންނަ ތަކެތީގެ އެހީގައި ކުޅެވޭ ކުޅިވަރަކަށް ވާކަމެވެ.
ދިވެހީންނަކީ ލަވަޔާއި، މިއުޒިކާއި، ނެށުމަށްވެސް ޝައުގުވެރިކަން ހުންނަ ބައެކެވެ. ބޮޑުބެރު ޖެހުން، ތާރަޖެހުން، ބަނޑިޔާ ޖެހުން، ފަދަ ކަންތަކާއި ގުޅޭ ނެށުންތައް ހިމެނެއެވެ. އެވޭލާ ޒަމާނުން ފެށިގެން މިހާހިސާބަށް އައި އިރުވެސް މިއުޒިކާއި މުނިފޫހި ފިލުވުން މިދަނީ ޒަމާނާއި އެއްގޮތަށް ކުރިލައި ހެދެމުންނެވެ. މިހާރު އާންމުކޮށް މިފަދަ އިހުގެ ނެށުންތައް ފެންނަނީ، ސަޤާފީ ހަރަކާތްތަކާއި ރަސްމީ ޖަލްސާތަކުގައެވެ.
ކާބަފައިންނަކީ އެބައިމީހުން ޤަބޫލުކުރަމުން އައި ވަކި އުސޫލުތަކެއްގެ މަތިން، ވިސްނުމާއި ބުއްދީގެ ބޭނުންކޮށްގެން ކަންކަން ކުރަމުން ދިޔަ ބަޔެކެވެ. މިކަމުން ހާމަވަނީ ދިވެހި ކާބަފައިން އެކި ޒަމާންތަކުގައި ކަންކުރަމުން އައިސްފައިވަނީ އެދުވަސްވަރެއްގައި މުޖުތަމައުގެ ހާލަތު އޮންނަ ގޮތެއްގެ މަތިންނެވެ. އާދަތަކާއި ގެންގުޅެމުންއައި އުސޫލުތަށް މާތްވެގެންވާ އިސްލާމް ދީނުގެ އޮނިގަނޑުން ބޭރުނުވާހާ ހިނދަކު، އަމަލުކުރުން ރަނގަޅު ގޮތެއްކަމުގައި ދެކުނެވެ. ޒަމާނީ އާދަކާދަތަކާއިއެކު، އިހުގެ އާދަކާދަތަށް ވެސް ދިރުވާ އާލާކޮށް، ކާބަފައިންގެ އާދަކާދަތަކުގެ ޒިކުރާއާކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ޒިންމާއެކެވެ.